ހާޝިމް އަބޫބަކުރު
މިދިޔަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެވެ. އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމުގައިވާ ޢަލީ މާލޭގައި ކިޔަވަން ހުރުމަށް ފަހު އެނބުރި ރަށަށް އައުމުގެ އުފަލުގައި އޭނާގެ ގޭގައި އޮތް ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ދަޢުވަތު ލިބުމުން، ހުކުރުން ފާބައިގެން އޭނަ އާއެކު އަހަރެން އެގެއަށް ދިޔައީމެވެ. ނާސްތާއަށް އިންސާފުކުރަން ފެށުމާއި އެކު ޢަލީގެ ބޭބެ “ޒެޑޭ (ކުރީގެ ރައީސް މައުމޫން) ޒަމާނުގަ މިހާ މީރު ކާއެއްޗެއްވެސް ނުލިބެޔޭ” ބުނެލިއެވެ. ވަގުތުން ޢަލީގެ މަންމަ އޭނާގެ ބޭބެގެ ވާހަކައަށް ހުރަސް އަޅާ ސިޔާސީ ވާހަކަ ނުދެއްކުމަށް އިންޒާރު ދިނެވެ.
އަސްތާ، ވާހަކަ މިކިޔައި ދެވެނީ ވަރަށް މުހިއްމު އެއްބައި ވައްޓާލާފައެވެ. ޢަލީގެ ޢާއިލާއަކީ ސިޔާސީ ފިކުރުގައި މަސްހުނިގަނޑެކެވެ. ޢަލީގެ ކާފަ އާއި ބައްފަގެ އިތުރުން އޭނާގެ މަންމަ އަކީ މައުމޫނަށް މަރުދޭންވެސް ފަހަށް ނުދާ ވަރަށް އެބޭފުޅާއަށް ލޯބިކުރާ ބައެކެވެ. މިއާ ޚިލާފަށް ޢަލީގެ ބޭބެއާއި ދައްތަގެ އިތުރުން ކޮއްކޮ އަކީ އެމްޑީޕީ ވަރެއް ނެތިގެން އުޅޭ ބައެކެވެ. ދެން ކަންތައް ހުންނާނެ ވަރު ވިސްނާލައްވާށެވެ. ޢަލީ ފަކީރު ހުންނަނީ މި ދެބައި މީހުންގެ ދެމެދުގައި ފިތި ބާރުވެފައެވެ.
“އަހަރެމެންގެ ރައީސަށް ފާޑުފާޑުގެ އެއްޗެހިކިޔަން ކަލޭމެން ލަދެއް ނުގަނޭތަ؟ ބަލަ މިރާއްޖެ މިހާހިސާބަށް މިއައީ އޭނާގެ މިންނެތް މަސައްކަތުންނޭ… ބަލަ އަމީނު ދައުރުގަ ޔާ ނާސިރު ދައުރުގަ ކިހެނެތްތަ މިތަން އޮތީ؟ ތިޔަ އަންނި އަރާފަ އެއްޗެހި އަގުބޮޑުކޮށް ގަނެފަ އެބަ ކިޔައެއްނު 4 ލާރި ޔޭ އަގު ބޮޑުވީ.. ލަދެއް ނުގަނޭތޯޗެ.. ހަމަ ރަނގަޅަށް ވެސް އެހެރީ ޒަބީދަށް ލާންވެފަ” ކާފަ އަކަށް ހިމޭނަކުން ނީނދެވުނެވެ. “އަހަންނަކަށް ވާނޭނގެ!” މަންމަ ވެސް ކާފައާއި އެއްބައިވެލިއެވެ.
“ބަލަބަލަ… ޒެޑޭ 8 މިލިޔަން ރުފިޔާ ކާލައިގެން މިތަން މިޔޮތީ އަޑި އަޅުވާލާފަ ކަމެއް ނޭނގޭތަ ކާފަ އަކަށް… އަންނި ބޭބެގެ ހާދަ މަސައްކަތަކުންނޭ މިވަރަށް ވެސް މިތަން މިއޮތީ… ޒެޑޭ އަށް ރާއްޖެ އަންނަން ކެރުނީމަވެސް މަ ހައިރާންވޭ..” ބޭބެވެސް އޭނާގެ ދޮޅިވަރު ދަމާލިއެވެ.
“ޒެޑޭ އައި ދަނޑިވަޅު ބަލާފަ ހުސްނީ މުބާރަކަށް ހެދިހެން ހައްޔަރުކޮށްގެން ތަހުގީގުކުރަން ވީއޭ.. ނޫނީ ހަމަ ސީދާ ޕާޓޭންނަށް ދީފަ ހަވަރަށް ގޮވާލަންވީ.. ހޭހަދާލާނެ އެއްނު… އެރުން ފާޑު ފާޑު ކުރާކަށް ނުކެރޭނެ…” ކޮއްކޮ ވެސް ހީވީ އިންތަނުން އުދުއްސައި ގަންނަން އުޅުން ހެންނެވެ.
“ކަލޭމެންނަށް ނުކުރެވޭނެ އެއް ކަމެއްވެސް… އެޔަށް ވުރެ ހުޝިޔާރުވާނެ އަހަރެމެންގެ ޒަޢީމް… ތިހެން ކިޔަނިކޮށް ތިޔަ އަންނިއަށް ކަންނޭނގެ އެހެން ހަދާލާތަން ފެންނާނީ.. ނިކަން ތިބޭ އެއްޗެހި އަގު ބޮކުރީމަވެސް ހެވި ދިއްލިފަ… އަންނިއަށް ނުބައި ގޮތަކަށް ދައްކަވާނެ އަދި އެދުވަސް.. މަހުންނާނަން ހޭން… ހިނގާ ދާން ބަކުރާ! މީތިން މިތިބީ ރީނދޫ ހުމުގަ ހަލާކުވެފަ..” ކައި ނިމިގެން ކާފަ ތެދުވުމުން، އަލީގެ ބައްޕަވެސް ކާފަ ދެއްކި ވާހަކައަށް ‘އާނ ހޫނ’ ކިޔަމުން ތެދުވިއެވެ.
އަހަރެންގެ ހިތަށް އެރިއެވެ. މިއީ ދިވެހި ކޮންމެ ޢާއިލާއެއްގެވެސް މިއަދުގެ ހާލަތެވެ. ޢާއިލާތަކުގެ ހަމަޖެހުން މިވަނީ ގެއްލިފައެވެ. ދެމަފިރިން ވަރިފަށަށް އަރައި، ދެބެން ދެބެނަށް މާރާމާރީ ހިންގާ، ލޭގެ ގުޅުން ކަނޑާލަމުން މިދަނީ ކޮންކަމާކާ ހެދިހެއްޔެވެ؟ އެކަކު އަނެކަކަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ، ބޮޑެތި އިލްޒާމުތައް އަޅުވަމުން، ޢާއިލީ ގުޅުމާއި އަވައްޓެރިކަމުގެ ގުޅުތައް ކަނޑަމު މިގެންދަނީ ކީއްވެ ހެއްޔެވެ؟ ސިޔާސީ ކޯޅުންތައް ޙުއްބުލް ވަޠަނަށް ވުރެ މަތީ ދަރަޖައަކާއި މުހިއްމުކަމެއް އަހަރެމެންގެ ހިތްތަކުގައި ހޯދީ ކޮންއިރަކު ހެއްޔެވެ؟ މިއަދު ތިމާގެ އަނބި ދަރީންނާއި މައިންބަފައިންނާއި މި ދީބު ދެކެވާ ލޯބީގެ މައްޗައް ޕާޓީ ލޯބި މި އިސްކުރެވެނީ ކީއްވެ ހެއްޔެވެ؟ ކުރާނެ ކަމެއް ނެތެވެ. މިއީ ޤައުމުގެ މިއަދުގެ ހާލަތެވެ. މިއީ ފަހު ޒަމާނުގެ ޢަލާމާތްތައް ކަންނޭނގެއެވެ.
އެ ޚިޔާލުގައި އަހަރެންނަށް އިނދެވުނީ ކުޑަ އިރުކޮޅަކުއެވެ. ކަސްޓަޑް ތައްޓެއް އަހަރެންގެ އަތަށް ލައިދެމުން ޢަލީ ވަރަށް ނުބައި ގޮތަކަށް ހީލާފައި އަހަރެން ގާތު ބުނެލިއެވެ. “ހާޝިމް އިންނާތި އެއްޗެކޭ ނުބުނެ މަޑުން… ވަރަށް ފައްކާ އެއްޗެއް ހަދާލާނަން އިނގޭ…” ސިޓިންގ ރޫމްގައި ހުރި ޓީވީ ހުޅުވާލުމަށް ފަހު ޢަލީ ރެޑީ ވެލިއެވެ. އަދި އަޑުގެ ނެތްތަނަށް ގޮވައިގަތެވެ. “މަންމާ! ބައްޕާ! ބޭބޭ! ޓީވިން މިޔޮށް ކިޔާ އެއްޗެއް ނިކަން ބަލާބަލަ!.. އަންނި ހުކުރުން ފޭބި ގަޑީގަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފިޔޯ!.. މިހާރު އައިސީޔޫގަ ފަރުވާ ދެނީ ޔޯ!..”
އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ޢަލީ އެބުނީ ހާދަހާ ނުރައްކާތެރި އެއްޗެއްކަން އޭނާއަށް ހަމަ ނޭނގެނީ ބާއެވެ؟ އެވަގުތު ނަގޫޖެހިތާ ބޯޖަހާފައި އެންމެން އަންނަ އަޑު އިވެއެވެ. ނިދާ ކޮޓަރީގައި އަރާމުކުރަން ތިބި ޢަލީގެ މަންމަ އާއި ބައްޕަވެސް ނުކުތް އަޑު އިވުނެވެ. އަހަރެންގެ ހިތައް އެރިއެވެ. ޢަލީގެ މަންމަ އާއި ބައްޕަ އަދި ކާފަ ހާދަހާ އުފަލެއްވާނެތާއެވެ. ހީހީފައި ހަޖޫޖަހާނެ ތާއެވެ.. އަނެއްކާ އެއީ ދޮގެއްކަން އެނގޭ އިރަށް އަނެއްބައި މީހުން ހާދަކަންތަކެއް ހުންނާނެތާއެވެ. އެކަހަލަ ދުވަހެއް ހަޤީގަތައް އައިސްފިނަމަ، ދެޕާޓީ ދެޕާޓީއަށް ހަނގުރާމަ އިޢުލާނުކޮށް އެއްބަޔަކު އަނެއްބަޔަކަށް ކަތިލައި ހުސްކުރާނެކަން އަހަރެންނަށް ހަމަ ޔަޤީނެވެ. ދިވެހިންގެ ހާލަތު މިއަދު މިވަނީ އެހާ ހިސާބަށް ގޮސްފައެވެ.
އެހެން ނަމަވެސް ކަންތައްވީ އަހަރެން ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. ސިޓިންގ ރޫމް ތެރެއަށް ހުރިހާ އެންމެން އައިސް ވަތް އިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސް ކަމާއި މާޔޫސް ކަމެވެ. ބޭބެ އާއި ދައްތައަށް ވުރެ މަންމައަށް ވެފައި ހުރިވަރު ބޮޑެވެ. ދެލޯ ފެންކަޅިވެފައި ހުރި އިރު ބައްޕަގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރިގޮތުން އަހަރެން ހައިރާންވިއެވެ. “މިހާރު ޕާޓޭން ނާހެދި އުޅެވޭކަށް ނެތެއްނު… މިވަރުން ކިހެނެތް މިޤައުމު ކުރިއަރާނީ؟.. މަންމަ ބުންޏެވެ. އެވަގުތު ކާފަ ވަނެވެ. ” މިހާރު ރައީސަކަށް ވެސް ޤަދަރެއް އިހުތިރާމެއް ނެތީދޯ… ބިރުވެތިކަމެއްވެސް ނުހުރެޔޭ ‘މީތިން’، ޤައުމުގެ ވެރި މީހަޔަށް އެހެން ހަދަން.. ބަލަ މިހާރު ހާލުކޮޅު ކިހެނެތްބާ؟” ކާފަގެ ރާގުވެސް ވަނީ ބަދަލުވެފައެވެ. މީގެ އިރުކޮޅެއް ކުރިން ގަދަލައި ލައިފާ ޒުވާބުކުރި ޢާއިލާ މިހާރު ތިބީ އެކަތިގަނޑެއްގެ މިސާލުގައި ދިމާވިކަމަށް ހީކުރެވުނު ކޮޅެއްނެތްހާ ބޮޑު ހިތާމައިގައި ބައިވެރިވެގެންނެވެ.
އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ހިތަށް ކުރި ފުން އަސަރަކުންނެވެ. އެއީ ނަމޫނާ ޢާއިލާއެކެވެ. ތަފާތު ޚިޔާލުތަކުގެ ބައެކެވެ. ތަފާތު ފިކުރުތަކެއްގެ ބައެކެވެ. އެހެންނަމަވެސް އެހެން ދިވެހީންނާއި ޚިލާފަށް އެ ޢާއިލާގެ ހުރިހާ އެންމެންގެ ގައިގައިވެސް ޖަހަނީ އެއް ވިންދެކެވެ. ހިނގަނީ އެއްވިސްނުމެކެވެ. އެއް ޝުޢޫރުތަކެކެވެ. އޮތީ އެއް އެދުމެކެވެ. މިޤައުމަށް ދުޅަހެޔޮ ކުރިމަގެއް ލިބުމެވެ. މިޤައުމުގެ ކުރިއަރައިގެން ދިއުމެވެ. ނޭދެވޭ އެންމެހާ ކަންކަމުން މި ފަސްގަނޑު ޠާހިރުކުރުމެވެ. އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ ދިވެހި ޢާއިލާއެއްވެސް މިފަދަ ޢާއިލާއަކަށް ވާނެނަމަ މިއަދު މިކުރިމަތި ވަމުންދާ ހުރިހާ ގޮންޖެހުންތަކާ މި ދިވެހި ވަޠަން ކުރިމަތި ލާނީ ހާދަހާ ކެރިގެންނެވެ. ދިމާވާ ހުރިހާ ހުރަސްތައް ކަޑަށްތުކޮށް މާއްދީ އަދި މަޢުނަވީ ތަރައްޤީގެ ހަރުފަތްތަކުން ކުރިއަށް ދާނީ ހާދަ ހަލުވި ކަމާއި ފަސޭހަ ކަމާއި އެކުގައެވެ. އެފަދަ ދުވަހަކީ މިޤައުމު އުފަލުން ނަށަންފަށާނެ ދުވަހެއްކަން ޔަޤީނެވެ.