twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޕިޗް-އަޕް ޔޫތު އޮންޓްރޮޕްރިނުއަރޝިޕް ޗެލެންޖުގެ ބޫޓު ކޭމްޕް ފަށައިފި

މުޙައްމަދު އަހުމަދު
Aug 23, 2021

"މީރީ" ޕްރޮޖެކްޓުގެ ދަށުން ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރި ހިޔާލު ހުށައަޅައި އެހިޔާލަށް ދިރުން ގެނެސްދީ ކާމިޔާބު ވިޔަފާރިއަކަށް ހެދުމަށް ފަރުމާކޮށްފައިވާ "ޕިޗް-އަޕް: ޔޫތު އޮންޓްރޮޕްރިނުއަރޝިޕް ޗެލެންޖު" ގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލި ފަރާތްތަކަށް ބާއްވާ ތަމްރީނު ޕްރޮގުރާމް ޕިޗް-އަޕް ބޫޓު ކޭމްޕް ފަށައިފި އެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަށް ކަންފަހިކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

"ޕިޗް-އަޕް" އަކީ ވިޔަފާރިއެއް ތަރައްގީކުރާނޭ ގޮތުގެ ހިޔާލެއް ހުށައަޅައިގެން، ފައިސާގެ އެހީއާ، ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭގޮތަށް ފަރުމާކޮށްގެން 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހުޅުވާލައިގެން ހިންގޭ މުބާރާތެކެވެ. މުބާރާތުގައި ހުށައެޅޭނީ ފަތުރުވެރިކަން، ފަތުރުވެރިކަމާ ގުޅުންހުރި އުމްރާނީ މަސައްކަތް، އައި.ސީ.ޓީ އަދި ދަނޑުވެރިކަމުގެ މަސައްކަތުގެ ދާއިރާގެ އުފެއްދުންތެރި ވިޔަފާރީގެ ހިޔާލެވެ.

ޕިޗް-އަޕް ބޫޓް ކޭމްޕުގައި ބިޒްނަސް ޕްރޮޕޯސަލް އެކުލަވައި، ތައްޔާރުކުރުމާއި، ވިޔަފާރިއެއް ފަށައިގެން ތަރައްގީ ކުރާނޭގޮތުގެ މައުލޫމާތާއި، އިރުޝާދާއި، ތަމްރީނު ފޯރުކޮށްދެވޭނެ އެވެ.

ޖުމްލަ 7 ސެޝަނުގެ މައްޗަށް އޮންލައިންކޮށް ހިންގުމަށް ތާވަލުކޮށްފައިވާ މި ބޫޓް ކޭމްޕްގައި ކިޔަވައިދެއްވާނީ ހާއްސަ ތަމްރީނު ދެވިފައިވާ ތަޖުރިބާކާރު ދިވެހި ޓްރައިނަރުންނެވެ.

އޮގަސްޓް 22 - 28 އަށް ހިންގާ 6 ދުވަހުގެ މި ބޫޓު ކޭމްޕުގައި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުންގެ ކާމިޔާބީއާއި، ވިޔަފާރީގެ ތަޖުރިބާ ހިއްސާކުރުންވެސް އޮންނާނެމެ އެވެ.

5 އޭޕްރީލް 2021 ގައި ހުޅުވާލި މުބާރާތުގެ މުހުލަތު މެއި މަހުގެ ނިޔަލަށް ހަމަވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 192 ހުށައެޅުން ވަނީ ލިބިފަ އެވެ. އަމިއްލަ ގޮތުންނާއި، ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި މުބާރާތުގެ ދެވަނަ މަރުހަލާއަށް ޝަރުތު ހަމަވެ ބޫޓް ކޭމްޮުގައި ބައިވެރިވާނީ 132 ފަރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355