twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޭކުރެންދޫގައި އަޅަން ހަމަޖެހިފައިވާ ޖަލާއި ގުޅޭގޮތުން ހޯމް މިނިސްޓަރާ ސުވާލުކުރަނީ

ޚަދީޖާ އާދަމް
Aug 28, 2021

ހދ ނޭކުރެންދޫގައި އަޅަން ހަމަޖެހިފައިވާ ޖަލު އެޅުމަށް މިހާތަނަށް އަމަލީ ގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅުއްވައިފިއެވެ.

ނޭކުރެންދޫ ޖަލުގެ އަމަލީ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް މިދިޔަ އަހަރުވެސް ރާއީ ވަނީ ހޯމް މިނިސްޓަރާ އެކި ފަހަރު މަތިން ސުވާލުކުރައްވާފައެވެ.

އެގޮތުން މިނިސްޓަރާއި ކުރުމަށް ހުށައަޅުއްވާފައިވާ ސުވާލުގައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ނޭކުރެންދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރު އެޅުމަށް މިހާތަނަށް ކުރެވިފައިވާ އަމަލީ މަސައްކަތަކީ ކޮބައިތޯ އާއި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ބަޖެޓްކުރާ ފައިސާއިން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލަކީ ކޮބައިތޯއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ރާއީ ކުރެއްވި ސުވާލަ ޖަވާބު ދެއްވަމުން މިނިސްޓަރ އެދުވަހު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޖަލުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި އަދި ކޮވިޑް-19 ގެ ސަބަބުން ހ.ދ ނޭކުރެންދޫގައި ޖަލު އެޅުމުގެ މަޝްރޫއު އަލުން މުރާޖާ ކުރަންޖެހިފައިވާކަމަށެވެ.

އަދި މިނިސްޓަރ ވިދާޅުވީ ކުރިން ރާވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭ ހިސާބަށް ގެންދިއުމަށް ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިހާރު މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުރާޖައާ ކުރުމަށްފަހު ދައުލަތުގެ ބަޖެޓުގެ ކެރި ފޯރިންތެރިކަން ހުރި މިންވަރަކުން 2020 ވަނަ އަހަރުވެސް އަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނޭކުރަންދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ޖަލަކީ ޕްރިޒަން ރިފޯމް އެޖެންޑާގެ ތެރެއިން ސަރުކާރުން އިސްކަމެއްދީގެން ކުރުމަށް ގަސްތުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ބަޖެޓްގައި އެކަމަށް ސަތާރަމިލިއަން ހަަތަރު ލައްކަ ރުފިޔާ ހަމަޖެހި އެމަސައްކަތް ފެށުމަށް ރައީސް އޮފީހުން ހޯމް މިނިސްްޓްރީ އާ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހަވާލުކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355