މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައިކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. ބުރާސްފަތި ދުވަހު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ފެސްޓިވަލެއް ގޮތަށް ކުރިއަށްގެންދާ މިހަރަކާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޮކްޓޯބަރުމަހު 10-23 އަށް ޒުވާނުން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނެކަމަށާއި ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރުތަކާއި ހުނަރުވެރިންގެ ހުނަރުތައް ދައްކާލުމާއި ތަފާތު ތަމްރީނުތަކާއި ކޯސްތައްވެސް ރާވާފައިވާ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނީ ރަސްމީ ޖަލްސާގައި އެވެ.
ދުވަހާ ގުޅުވައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު ޔޫތު މިނިސްޓްރީން ބުނީ، އެގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ ދުވަހުގެ އެންމެ ހާއްސަ އިވެންޓް ކަމުގައިވާ ޔޫތު އެވޯޑް 18 ފަރާތަކަށް ދިނުމާއި، ޖަމިއްޔާތަކުގެ މަހާސިންތާއެއް ބޭއްވުމާއި، ޒުވާނުން ހޭލުންތެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުން ހިމެނޭ ގޮތަށް ހާއްސަ ސްޓޭޖް ޝޯވްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި ޒުވާނުންގެ ދުވަސް އެންމެ ފަހުން ފާހަގަ ކޮށްފައިވަނީ 2017 ވަނަ އަހަރު މާލޭގައި އެވެ. ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުދުއްފުށިގައި ފާހަގަކުރުމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެ މެމްބަރުންނާއި ޔޫތު މިނިސްޓްރީގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މޭޔަރު ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.