އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭރުގެ ގައުމަކުން ޓީޗަރުން ގެނައުމަށް އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.
އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭގޮތުން ފެތުރެމުން އަންނަ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ކިޔަަވައިދިނުމަށް ރާއްޖޭގައި ފެންވަރު ރަނގަޅު އެކަމަށް އެންމެ ގާބިލު މުދައްރިސުން ތަމްރީނުވެފައި އެބަ ތިބި ކަމަށާއި އެ މާއްދާ ކިޔަވައިދިނުމުގެ މުގައްރަރު ތައްޔާރުކުރެވިފައި ވަނީ ދިވެހި ބަހުން ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައިދިނުމަށް ވިސްނާފައި ނުވާ ކަމަށާއި އިސްލާމް ކިޔަވައިދިނުމަށް ބޭރުގެ ޓީޗަރުން ގެނައުމުގެ ވިސްނުމެއްވެސް މި މިނިސްޓްރީގެ ނެތްކަމުގަ އެވެ.
ނަމަވެސް މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާއެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓާ ގުޅިގެން އިނގިރޭސި ބަހުން އިސްލާމް ކިޔަވައިދިނުމަށް މަޝްވަރާކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ހަރުކަށި ފިކުރަށް މަގު ފަހި ކޮށްދޭ އެންމެހާ ލިޔުންތައް އިސްލާމް ފޮތްތަކުން އުނިކުރަން ނިންމާފައިވާކަމަށް އެމްޑީޕީގެ މޭ ހައެއް ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފް ވަނީ ރޭ ވިދާޅުވެފައެވެ.