twitterviber whatsapp telegramfacebookyoutube instagram
17th May 2025
އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުމަށް އަތްމަތީ ފޮތެއް އިފްތިތާހުކޮށްފި--ފޮޓޯ:ރައީސް އޮފީސް

އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުމަށް އަތްމަތީ ފޮތެއް އިފްތިތާހުކޮށްފި

ނަބީލާ އިސްމާޢީލް
Aug 29, 2021

އޯޓިޒަމް ހުންނަ ކުދިން ބަލަހައްޓަމުންގެންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފިއެވެ.

އޯޓިޒަމް ކުދިންނަށް އުނގަންނައިދިނުމަށް ދިވެހި ބަހުން ލިޔެ ނެރުނު ފުރަތަމަ ފޮތް "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" މި ނަމުގައި ނެރުނު އަތްމަތީ ފޮތަކީ އޯޓިޒަމް ހުންނަ ކުދިންނަށް ފަސޭހައިން އުނގަންނައިދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ހިމަނާ ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތަކީ އޯޓިޒަމް ކުދިންގެ ބެލެނިވެރިންނާއި މުދައްރިސުން އަދި ތެރަޕިސްޓުން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކަށް ލުއި ހޯދާދިނުމަށްޓަކައި އޯޓިޒަމް އެސޯސިއޭޝަނުން ތައްޔާރުކޮށްގެން ނެރުނު ފޮތެކެވެ.

މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އިލްހާމް ހުސައިން ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކުގައާއި އެކަންތައްތަކުގެ ފައިދާވާ މީހުންގެ ތެރޭގައި އޯޓިޒަމް ހުންނަ ކުދިން ޝާމިލްކުރުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތައްކެއް އަދިވެސް އެބަހުރިކަމަށެވެ. އެމީހުންގެ އަސާސީ ޙައްޤު ހޯދައިދިނުމާއި މުޖުތަމަޢުގެ ހިއްސާދާރުންނަށް ހެދުމުގެ އިތުރުން ހަރަކާތްތަކުގައި ބައިވެރިކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ގޮތްތަކެއް ހޯދަން ޖެހޭކަމަށް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ބޭރުގެ މާހިރުންގެ އެހީއާއި އޯޓިޒަމް ސެންޓަރުގެ މުވައްޒަފުންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު އެ ސެންޓަރުގެ ޚިދުމަތްތައް މުޖުތަމަޢު ބަލައިގަންނަ ޚިދުމަތަކަށް ހެދިފައިވާކަމަށެވެ.

"ޚާއްސަ ހިދުމަތްތަކެއްގެ ގޮތުގައި ސައިކޮލޮޖިކަލް އެސެސްމަންޓް، ސްޕީޗް ތެރަޕީ އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީގެ ޚިދުމަތްތައް އެ ސެންޓަރުން 141 ދަރިވަރަކަށް އަންނަނީ ފޯރުކޮށްދެމުނެ. ދާދި ފަހުން ޖަޕާން ސަރުކާރުގެ އެހީގައި އަޑުއިވުމާއި ފެނުން ސްކްރީން ކުރެވޭ ޚިދުމަތްތައްވެސް ޤާއިމްކޮށްފި". އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އިލްހާމް ހުސައިން ވިދާޅުވިއެވެ.

މި ފޮތް ނެރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކަށް މީހުން އަހުލުވެރިކުރުވުންކަމުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ނައިބު ވަނީ އޯޓިޒަމް އެސޯސިއޭޝަންގައި ހިމެނޭ ބައެއްތަންތައް ބައްލަވައިލައްވާފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com