twitterviber whatsapp telegramfacebookyoutube instagram
18th May 2024

މެސީގެ ފުރަތަމަ މެޗުގައި އެމްބާޕޭގެ ލަނޑުތަކާއެކު ޕީއެސްޖީއަށް މޮޅެއް

މުޙައްމަދު އަހުމަދު
Aug 30, 2021

ޕީއެސްޖީ ޖާޒީގައި މެސީ ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭގެ ލަނޑުތަކާއެކު ޕީއެސްޖީ 2 - 0 ން ރެއިމްސްގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައިފި އެވެ.

މިއީ ބާސާ ނޫން ކުލަބަކަށް އޭނާގެ ސީނިއާ ކުލަބް ކެރިއަރުގައި މެސީ ކުޅުނު ފުރަތަމަ މެޗެވެ. ހިލޭ ޓްރާންސްފާއެއްގެ ދަށުން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީއަށް ބަދަލުވި މެސީ މިއަދުގެ މެޗުގައި ކުޅެން އެރީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގަ އެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީގެ އޭނާގެ އެންމެ ބެސްޓް ފޯމަށް އަދި އަންނަން ދުރުކަމަށާއި ނަމަވެސް އޭނާ އަންނަނީ ވަރަށް ރަނގަޅަށް ޓްރެއިން ކުރަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި އޭނާ ފިޓްވާނެ ކަމަށް ޕޮޗެޓީނޯ ބުނެފައިވެ އެވެ.

މިއަދުގެ މެޗުގައި ޕީއެސްޖީން ޖެހި ދެލަނޑުވެސް ޖަހައިދިން އެމްބާޕޭ އެޓީމަށް ކުޅެދިން އެންމެފަހު މެޗަށް މިމެޗުވުމުގެ ފުރުސަތު އެބައޮތެވެ. ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން އަންނަނީ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އެމްބާޕޭގެ ސޮއިހޯދަން މަސައްކަތްކުރަމުންނެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ ވަނީ ޕީއެސްޖީއަށް ކުޅެދިން 175 މެޗުން 135 ގޯލު ޖަހާފަ އެވެ. އޭނާ ގެންދިއުމަށް ރެއާލުން ވަނީ 160 މިލިއަން ޔޫރޯގެ އޮފަރއެއް ޕީއެސްޖީއަށް ހުށައަޅާފަ އެވެ.

ރެއިމްސްގެ ދަނޑުގައި ރޭ ކުޅެވުނު މެޗުގައި އެމްބާޕޭގެ ލަނޑުން 16 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑުނެގި އެވެ. އެންހެލް ޑިމާރިއާ ނަގައިދިން ހުރަހަކުން އެމްބާޕޭ މިލަނޑު ކާމިޔާބުކުރީ ބޮލުންނެވެ. ދެ ވަނަ ހާފްގައި ރެއިމްސްގެ މާޝަލް މުނެޓްސީ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ އެމްބާޕޭ އެވެ. އަޝްރަފް ހަކީމީ ދިން ބޯޅައަކުން އެމްބާޕޭ މިލަނޑު ކާމިޔާބުކުރީ މެޗުގެ 63 ވަނަ މިނެޓުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355