ބޮޑުތިލަދުންމަތީގެ އިސްވެރިންގެ ހާއްސަ މަޝްވަރާ ބައްދަލުވުމުން މިއަދު ބާއްވައިފި އެވެ. މި ބައްދަލުވުމުގައި އަތޮޅުތަކުގެ ފުދުންތެރިކަން އިތުރު ކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ހއ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު، ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖް އަދި ށ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމްގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ މޭޔާރު މުހައްމަދު އާތިފް ވަނީ ބައިވެރިވެފައެވެ. ކޭއޯއަށް މައުލޫމާތު ދެމުން ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖް ވިދާޅުވީ މިފަދަ ބައްދަލުވުމެއް ބޭއްވުމަށް ވާހަކަ ދެކެވެމުންދާތާ ދުވަސްކޮޅެއް ވެފައިވާކަމަށާއި މިއަދު މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އަތޮޅުތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތްތައް ކުރުމަށްކަމަށެވެ. އެގޮތުން ބައްދަލުވުމުގެ ބައިވެރިވި ފަރާތްތަކަށްވެސް އެއީ ވަރަށް މުހިއްމުކަމެއްގޮތުގައި އިއްތިފާގުވެ ކުރިއަށްއޮތް ބައްދަލުވުމުގައި ކުރިއަށްގެންދާނެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ފާސްވިކަމަށް ސިރާޖު ވިދާޅުވި އެވެ.
އެ އަތޮޅެއްގައި ކުރިއަށްގެންދާނެ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ އެ އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރުމަށްފަހު ކަމަށާއި އެގޮތުން ކުރުމަށް ނިންމާ މަސައްކަތްތަކާއި ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް މިމަހު 13 ވަނަ ދުވަހު އޮންލައިންކޮށް އިތުރު ބައްދަލުމެއް ބާއްވާންހަމަޖެހިފައިވާއިރު ކުރިއަށް ގެންދާނެ މަސައްކަތްތައް ކަނޑައެޅުމަށްފަހު އެމްއޯޔޫގައި ސޮއިކުުރަށްވެސް ނިންމާފައިވާކަަމަށް ސިރާޖު ވިދާޅުވި އެވެ.