ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒުގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ އަންހެނެއްގެ ހާލަތު ގޯސްވަމުން ދާތީ، ށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ސެންޓަރަށް އެމީހާ ބަދަލުކޮށްފިއެވެ.
އެމީހާ ނޭވާލާން އުނދަގޫވެ ހާލަތު ގޯސްވުމުން ރޭގެ ވަގުތެއްގައި ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދެވުނު އެވެ. ސީ އެމްބިއުލާންސްގައި ފުނަދޫއަށް ފުރުވާލާފައި ވަނީ ރޭ މެންދަމު 12:45 ހާއިރުއެވެ.
ނޮޅިވަރަމުން އިތުރު 25 މީހަކު ޕޮޒިޓިވްވެ އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 109 އަރައިފި އެވެ.
މިދިޔަ އޮގަސްޓްމަހު 28 ވަނަ ދުވަހު އެރަށުން ނެގި ފުލޫ ސާމްޕަލްތަކެއް ޕޮޒިޓިވްވެ އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޭއާރުއެޗްގެ އޮފިޝަލަކުވެސް އަދި ނޮޅިވަރަމް ހެލްތް ސެންޓަރުގެ ޒިންމާދާރުވެރިޔާ ޝާފިއު މުހައްމަދުވެސް ވަނީ އެރަށުގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތް ކަމަށް ވިދާޅުވެފައެވެ. އެރަށުން ކޭސްތައް ފެންނަ ފެށިފަހުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ 29 މީހުންނެވެ.
ޕޮޒިޓިވްވީ މީހުންގެތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭއިރު އޭގެތެރެއިން އެކަކަށް އެރަށު ސިއްހީ މަރުކަޒްގައި ފަރުވާ ދެމުންއަންނައިރު، ހާލުބޮޑުވެ ށ.ފުނަދޫ ކޮވިޑް ފެސިލިޓީއަށްވެސްވަނީ މީހަކު ބަދަލުކޮށްފައެވެ.
މި ކޭސްތަކާއި ގުޅިގެން އެރަށުގް 100 ގެއެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތްއިރު މި ކްލަސްޓާއާއި ގުޅުން ހުރި ނޮޅިވަރަންފަރުގެ 3 ފަރާތެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ނޮޅިވަރަންފަރުވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.