ވޯލްޑްކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާއާއި ބުރެޒިލް ބައްދަލުކުރި މެޗު ސަސްޕެންޑްކޮށްފި އެވެ. މެޗު ފެށިތާ ފަސްވަރަކަށް މިނެޓް ތެރޭ ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރުމުން މެޗު ވަނީ ހުއްޓާލާފަ އެވެ.
ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރި ހިސާބުން އާޖެންޓީނާގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބައިގެން ގޮސްފަ އެވެ.
ބުރެޒިލްގެ ސިއްހީ އިދާރާތަކުން ހާމަކުރިގޮތުގައި އާޖެންޓީނާ ޓީމުގައި ބްރެޒިލްގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިންނެވެ. އަދި އިންގްލޭންޑް އޮތީވެސް ބުރެޒިލްގެ ރެޑް ލިސްޓްގަ އެވެ.
ގަވާއިދާ ހިލާފުވީ ކޮން ކުޅުންތެރިންނެއް ކަން ހާމަކޮށްފައި ނުވިނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ އާޖެންޓީނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅިފަ އެވެ. އަދި އެއްކުޅުންތެރިއަކު ހުރީ ބެންޗުގަ އެވެ. އެއީ އެސްޓަން ވިލާ އަށް ކުޅޭ އެމީ ބުއެންޑީއާ އެވެ.
މެޗު ކުރިއަށް ގެންދެވޭނެ ކަމަށް ބަލައި ބްރެޒިލްގެ ކުޅުންތެރިންނަށް މެޗު ކުރިއަށް ނުގެންދެވޭނެކަން ކަށަވަރުވުމުން ވަނީ ދަނޑުގައި ފަރިތަކުރުންތައް ފަށައިފަ އެވެ.
މިމެޗު ސަސްޕެންޑްކުރިކަން ހާމަކޮށް ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ކޮންމެބޯލްއިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ވަނީ މެޗު ރެފްރީގެ ނިންމުމާއެކު ފީފާއިން އިންތިޒާމުކުރި އާޖެންޓީނާއާ ބުރެޒިލް ބައްދަލުކުރާ ވޯލްޑްކަޕް ކޮލިފައިން މެޗު ސަސްޕެންޑްކުރި ކަމަށެވެ. ފީފާއިންވެސް ވަނީ މެޗު ސަސްޕެންޑްކުރިކަން ޔަގީންކޮށްދީފަ އެވެ.
ބުރެޒިލްގެ ގަވާއިދުގައިވާގޮތުން ޔޫކޭއިން އަންނަ ހުރިހާ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހެ އެވެ.