ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުުރުއާނުގެ އާޔަތް ނުބައިކޮށް ލިޔެވިފައި ހުރި މައްސަލައާއި ފޮތްތައް ޕްރޫފް ރީޑް ކުރުމުގައި އިހުމާލުވި ފަރާތްތައް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ ފޮތްތައް އެކުލަވާލުމަށްފަހު ޕްރޫފް ރީޑްކޮށް، އެ މަރުޙަލާ ނިމުމުން އިސްލާމިކް މިނިސްޓްރީން ވެސް ފޮތްތައް ފާސް ކުރާނެ ކަމަށެވެ. މައްސަލަ ޖެހުނީ މި ދެ މަރުޙަލާގައި ވެސް އެންމެ އެކަށީގެންވާ ވަރަށް ފޮތްތައް ބެލިފައި ނުވާތީކަމަށާއި އެފަދަ 4 ފޮތެއް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިކަމުގައި އިހުމާލުވެފައިވާ ފަރަތްތައް ދެނެގަތުމަށް މިހާރު ކޮމިޓީއެއް އެކުލަވާލާފައިވާކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ފޮތްތަޖުގައި ހުންނަ މައްސަލަތައް ދެނެގަނެވުމުން އެފަދަ ކަންކަން ރިޕޯޓު ކުރުމަށް ވެސް ޚާއްސަ މެކޭނިޒަމެއް މިހާރު އެކުލަވާލެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ގްރޭޑް 1 އަދި 2 ގެ ފޮތަކީ 2015 ވަނަ އަހަރު ލިޔެވި، އޭރުގެ އިސްލާމިކް މިނިސްޓްރީން ފާސް ކޮށްފައިވާ ފޮތެކެވެ. ފޮތްތަކުން ސޫރަތްތައް ނަގަނީ އެޕްލިކޭޝަނަކުންކަމަށާއި އެކަން ކުރާއިރު މީގެ ކުރިން ވެސް އެފަދަ މައްސަލަތައް ދިމާވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.