twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުޅުދުއްފުއްޓަށް ވަޑައިގެން އިނގިރޭސި ސަފީރު ދިވެހި ލިބާހުގައި، ވަރަށް ޗާލު!

Sep 6, 2021
3

ބޭރުގެ ދައުލަތްތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި މަންދޫބުންނަކީ އިއްޒަތްތެރީންނެވެ. ބޭރުގެ ދައުލަތްތައް ރާއްޖޭގައި ތަމްސީލު ކުރައްވާ، ޒިންމާ ބޮޑު ފަރާތްތަކެކެވެ. މި ފަރާތްތަކުގެ ތަސްވީރެއްވެސް ކުރަހާލެވޭނީ، ވަރަށް "ގޮތް ފާޑު ބޮޑު" ބައެއްގެ ގޮތުގައެވެ.

އެހެންނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުކަމުގައިވާ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ އަބަދުވެސް ފާހަގަކުރެވެނީ ވަރަށް ސާދާ، މީހުންނާ ގުޅޭ، އަދި ދިވެހިވަންތަ އާދަކާދަތަކަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އެކަމަނާ މިހާރު ކުޅުދުއްފުށި ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުންވެސް މިކަން ފާހަގަވާނެއެވެ. މި ދަތުރުފުޅުގެ ތެރެއިން އެންމެ ފާހަގަވެގެން ދިޔަ، އެންމެ ތަފާތު އެއް މަންޒަރަކީ، ކަސަބު ބޯވަޅު އެޅި ރަތް ލިބާހެއް ތުރުކުރައްވައިގެން އެކަމަނާ ހުންނެވި "ޗާލު" މަންޒަރެވެ.

އިނގިރޭސި ހައިކޮމިޝަނަރު، ކެރޮން ރަތް ލިބާސް ތުރުކުރައްވާފައިވަނީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން، އެކަމަނާގެ ޝަރަފުގައި ދެއްވި ޖާފަތަށެވެ. މި ޖާފަތުގައި އެކަމަނާއަށްވަނީ މަލާފަތުގެ ޖާފަތް އަރުވާފައެވެ. ބޯވަޅު އެޅި ރަތް ލިބާސް ތުރުކުރައްވައިގެން ހުންނެވިއިރު ކަރުގައި ފައްޓަރުބައި އަޅުއްވާފައިވެއެވެ. ލިބާހާއެކު ފޭލި އަންނަވާފައިވެއެވެ. އަދި އިތުރު ފުރިހަމަކަމެއް ގެނައުމަށް ބޮލުގައި މާ ޖައްސަވާފައިވެއެވެ.

އެކަމަނާ ދިވެހިވަންތަ މި ހެދުން ތުރުކުރެއްވިއިރު، އިއްޔެވަނީ ބޯވަޅު އެޅުމުގެ މަސައްކަތާއި، ރޯނުވެށުމުގެ މަސައްކަތް ބައްލަވާލައްވާފައެވެ. އަދި މި މަސައްކަތްތައް ތަޖުރިބާކުރައްވާފައިވެސްވެއެވެ.

މީގެއިތުރުން، ސަފީރުގެ މި ދަތުރުފުޅުގައި އެކަމަނާވަނީ އެކި ފަހަރުމަތިން ދިވެހިވަންތަ ކެއުންތަކަށްވެސް އިންސާފުކުރައްވާފައެވެ. މެންދުރާއި ރޭގަނޑާއި، ހަވީރާއި ހެނދުނުވެސް ބައްލަވާފައިވަނީ ދިވެހިވަންތަ ކެއުންތަކެވެ.

ހަމައެހެންމެ، މި ދަތުރުފުޅުގައި ކެރޮން ރޮސްލާ ވަނީ ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތް ކުރައްވާ، އެތަނުގެ ފުރިހަމަ ތަޖުރިބާ އެއް ކުރައްވާފައިވެއެވެ. ކުޅީގައި ހިންގަވާ، ކެނޯ ޖައްސަވާފައިވެއެވެ.

ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުން، މީގެކުރިންވެސް މަދުން ނަމަވެސް ދިވެހިވަންތަ ހެދުންތައް ތުރުކުރައްވައިގެން ތިއްބެވި މަންޒަރު ފެނިފައިވެއެވެ. އެގޮތުން. އދ. އިން ރާއްޖެއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު، ޝޯކޯ ނޯޑާ ވަނީ ބައެއް ރަސްމިއްޔާތުތަކުގައި ފާސްކުރި ހެދުމާއި، އެނޫންވެސް ދިވެހިވަންތަ ހެދުންތައް ބޭނުންފުޅުކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355