އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަހައްދީ އޮފީސް ކުޅުދުއްފުށީ ސިޓީގައި މިއަދު ހުޅުވައިފި އެވެ. މިއަދު ހެނދުނު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވާދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.
ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޔާސިރު ވިދާޅުވީ މާލީ ކަންކަން ހަރުދަނާ ކުރުމަށް ޕަބްލިކް ފައިނޭންސް މޮނިޓަރިންގގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އުތުރު ސަރަހައްދީ އޮފީހެއް ހުޅުވުމަކީ ކުރީގެ އޮޑިޓަރ ޖެނެރަލް އަލްމަރުޙޫމް އިސްމާޢިލް ފަތުޙީ އެތަކެއް އަހަރެއް ކުރިން ދެކެވަޑައިގެންނެވި ހުވަފެން ތެދު ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ.
އުތުރު ސަރަހައްދީ އޮފީސް ހުޅުވުމުން އުތުރުގެ އަތޮޅުތަކުގެ ސަރުކާރުގެ އިދާރާތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރާނީ އެ އޮފީހުންނެވެ. އަދި މި އޮފީސް ހުޅުވުމާ ގުޅިގެން މިހާރު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނާއި އުތުރުގައި ސަރަހައްދީ އޮފީސް ވަނީ ގާއިމް ކުރެވިފައެވެ.
ކުޅުދުއްފުށީގައި މިއަދު ހުޅުވި މި އޮފީސް ގާއިމުކޮށްފައިވަނީ ސަރަހައްދީ އޮފީސް އިމާރާތުގައި އެވެ.