ފުނަދޫގައި އެކިއެކި ހިދުމަތްތައް ތަރައްގީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ އަތޮޅުގެ ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްގީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސްގެ ދެ ކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެތެރެއިން ފުރަތަމަ މަންޒިލްގެ ގޮތުގައި ށ. ފުނަދޫއަށް ވަޑައިގަންނަވާ، ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމާއި ގެދޮރުގެ ދަތިކަމާއި އެއާޕޯޓަށް ދާމަގު ރަނގަޅު ފެންވަރަކަށް ހެދުމާއި، ފަރުކޮޅާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ހޮސްޕިޓަލުގެ ބޭނުމަށް ކޮވިޑާގުޅިގެން ނަގާފައިވާ ބައެއް އިމާރާތްތައް އަލުން ބޭނުންކުރެވޭގޮތް ވުމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާއީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާއި ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި މުހިންމު މައްސަލަތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ރައްޔިތުންގެ ލާބައާ މަންފާއަށް އެ ކޮމެޓީން ކުރިޔަށްގެންދަން ބޭނުންވާ ތަމްރީނުތައްފަދަ ކަންކަން ކުރިޔަށްގެންދިއުމަށް އަންހެނުންގެ މަރުކަޒެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުނަދޫގައި އެއާޕޯޓާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގެ ހިދުމަތްތައް ފުޅާކުރެވިގެންދާނީ ށ. އަތޮޅުގެ ތަރައްގީގެ މަރުކަޒުގެ ގޮތުގައިކަމުގައެވެ.
ފަރުކޮޅާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނުވަނީ އެރަށަކީ ރަށު ކައުންސިލުގެ އިހްތިޞާސްގެ ތެރޭގައި މިހާރުވެސް ހިމެނޭ ރަށެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމާހުރެ ވަރަށް ގިނަ ރަށްތަކެއްގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނުވަތަ ފަސްކޮށްލަން ޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިސާދީ ހާލަތު އަލުން ރަނގަޅުވާން ފަށާފައިވާތީ ޕްރޮޖެކްޓްތައް އަލުން ފަށައިގަނެވޭ ގޮތްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ގެދޮރުގެ ދަތިކަމާއި ރަށްގިރުންފަދަ ރައްޔިތުންނަށް މުހިންމު މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ށ. އަތޮޅު ހޮސްޕިޓަލުގެ ހާލަތު ބައްލަވައިލައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސްގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.