twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އަތޮޅުގެ ތަރައްގީ ހާސިލުކުރުމަށް ސަރުކާރަށް އެއްބާރުލުންދޭނަން: ށ އަތޮޅު ކައުންސިލް

ނަބީލާ އިސްމާޢީލް
Sep 7, 2021

ށ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ގެންގުޅުއްވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ކައުންސިލްގެ ފަރާތުން ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެކަމުގައި ށ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިހެން ވިދާޅުވީ ރައީސްގެ ދެ ކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެތެރެއިން ފުރަތަމަ މަންޒިލްގެ ގޮތުގައި ށ. ފުނަދޫއަށް ވަޑައިގަންނަވާ، ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު ބޭއްވުނު ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރުމުގައި، އެ އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުންނާއި، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން، ކައުންސިލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި އަތޮޅުގައިވާ ފަޅުރަށްތައް ދޫކުރުމުގައި ހުރި ކަންބޮޑުވުންތަކާއި، އަތޮޅުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަތޮޅުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެގޮތުން ބޭނުންވާ ކަންކަމާއި، ށ. އަތޮޅު ހޮސްޕިޓަލްގެ ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި، އަތޮޅުގެ ތައުލީމީ ހިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، އަތޮޅު ކައުންސިލްގެ އޮފީހުގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި ގުޅޭގޮތުން ވަނީ ރައީސްއާ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލްގެ މެންބަރުން ފާހަގަކުރެއްވި ކަންކަމާއި ސަރުކާރުން ށ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ށ. ބިލެތްފަހި އެއާޕޯޓް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހާރު ވަނީ ބިޑް ހުށަހަޅާފައިކަމަށެވެ. އަދި ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި، މިލަންދޫގައި މިނީ ހޮސްޕިޓަލެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ތަރައްޤީގެ މަޝްރޫއުތައް އަތޮޅުގައި އަވަހަށް ހިންގުމަށް މަގުފަހިވާނެކަމެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355