ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށްފަހުން ގެންނަ ނިންމި އިސްލާހުތައް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލަށް ގެންނަ ނިންމި އިސްލާހުތައް ކޮމިޓީއަށް ފޮނުވާފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީން މަޝްވަރާކުރުމަށް ފަހު އެވެ.
އޭޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ބިލަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި، އެ ބިލަށް ކޮމިޓީން ގެނައި އިސްލާހުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިސްލާހުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު ވެސް މަޝްވަރާކުރެވިފައިވާކަމަށް އެ އޮފީހުން ބުންޏެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން މިހާރު ބޭނުން ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެ ބިލް މަޖިލީހަށް ފޮނުވި ފަހުން އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ވިސްނާލެއްވުމުން ބިލަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭ ކަން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށާއި އިސްލާހުކުރަންޖެހޭ ކަންކަން ބިލްގައި ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.