ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ ހދ. ނޮޅިވަރަމްގައި އިތުރު 5 މިހުން ޕޮޒިޓިވްވެ އެ ރަށުގެ އެކްޓިވް ކޭހުގެ އަދަދު 219 އަށް އަރައިފި އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ހެލްތް ސެންޓަރުގެ ޒިންމާދާރުވެރިޔާ ޝާފިއު މުހައްމަދު ވިދާޅުވީ މިމަހު 13 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނަގާފައިވާ 110 ސާމްޕަލްގެ ތެރެއިން ލިބިފައިވަނީ 78 ސާމްޕަލްގެ ނަތީޖާ ކަމަށާއި އޭގެ ތެރެއިން 5 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު އެ ފަސް ސާމްޕަލް ތެރޭގައި 2 ކުޑަ ކުދިންނާއި 1 ރެންޑަމް ސާމްޕަލް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ޝާފިއު ވިދާޅުވީ މި ވަގުތުން ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދަކީ 24 ކަމަށެވެ.
ކޮވިޑްއާ ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން މި މަހު 7 ވަނަ ދުވަހުން ފެށިގެން ނޮޅިވަރަންގައި ހިންގާފައިވާ ކާފިއުގެ ވަގުތު ހަވީރު 04:00 އިން ހެނދުނު 06:00 އަށް އިތުރުކޮށްފައިވީ ނަމަވެސް މިއަދުން ފެށިންގެން ކާފިއު ވަގުތު ވަނީ ހަވީރު 6:00 ން ހެނދުނު 6:00 އަށް ބަދަލު ކޮށްފަ އެވެ.
މިދިއަ އޯގަސްޓް 28 ވަނަ ދުވަހު ނޮޅިވަރަމުން 7 ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ނަމަވެސް ކޮވިޑްގެ ހާލަތަށް ބަލައި އަނެއްކާވެސް މި ވަގުތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ވަނީ ހެލްތް ސެންޓަރުން އިލްތިމާސްކޮށްފަ އެވެ.