ޗެމްޕިއަންސް ލީގުގައި ރޭ ފަހަތުން އަރާ ލިވަޕޫލުން އޭސީ މިލާން ބަލިކޮށްފި އެވެ. ލިވަޕޫލުން މިމެޗު ކާމިޔާބުކުރީ 3 - 2 ންނެވެ.
މިއީ ހަތް އަހަރަށްފަހު އޭސީ މިލާން ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންފީލްޑްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި ޖެހި މިލަނޑަކީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ޖެހި ބޯޅައެއް މިލާންގެ ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ފައިގައި ޖެހިފައި އޭނާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް 2 މިނެޓުތެރޭ ދެލަނޑު ޖަހާ މިލާނުން ވަނީ މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. އެޓީމުން އެއްވަރުކުރި ލަނޑަކީ އަންޓޭ ރެބިޗް ޖަހައިދިން ލަނޑެކެވެ. އަދި ލީޑުނަގައިދިނީ ބްރާހިމް ޑިއާޒް އެވެ.
ދެ ވަނަ ހާފްގައި ކުޅެން އަރައި ފަސް މިނިޓް ތެރޭ ސަލާހު ވަނީ ގޯލެއް ޖަހައި ލިވަޕޫލަށް އެއްވަރުކޮށްދިންއިރު އެޓީމު މޮޅުވި ލަނޑު މެޗުގެ 69 ވަނަމިނެޓުގައި ޖަހައިދިނީ އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ.
މި ގްރޫޕްގައި ކުޅެވުނު އަނެއް މެޗުން އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ބައްދަލުކޮށް މެޗު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.