twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސިޔާސީ މައިދާނުގައި އަންހެނުން އިތުރުކުރަން މަސައްކަތްކުރަންޖެހޭ

ނަބީލާ އިސްމާޢީލް
Sep 16, 2021

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާ، އިލެކްޝަންސް ކޮމިޝަނުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ވިދާޅުވީ މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުސަތުތައް ކުރިޔަށްވުރެ ފުޅާވެގެން ގޮސްފައިވާ ކަމަށެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު އދގެ 76 ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންފައިވާތީ ނައިބް ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ވެސް މުހިއްމު ގައުމެއްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަދި އަގުލަބިއްޔަތަށް ތަބާވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މި ހަފުލާގައި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ އެ ކޮމިޝަނުން 2021 އިން 2025 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވާފަ އެވެ. މީގެއިތުރުން މި ހަފުލާގައި ފައިސަލް ނަސީމް ވަނީ އިލެކްޝަންސް ކޮމިޝަނަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނަށް އެ ކޮމިޝަނުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

މި ހަފްލާގައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބު ޕޯޓަލް ވެސް އިފްތިތާހުކޮށްފަ އެވެ. މި ޕޯޓަލް އަކީ ނިމިދިޔަ އިންތިހާބުތަކުގެ ތަފާސްހިސާބުތައް އެއްތަނަކުން ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލް އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355