ހދ. ނޮޅިވަރަމުން ކޮވިޑް-19 އަށް ޕޮޒިޓިވެގެން އިތުރު ފަރުވާއަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ފޮނުވި މީހަކު މިއަދު ނިޔާވެއްޖެ އެވެ.
ނޮޅިވަރަމް ހެލްތް ސެންޓަރުގެ ޒިންމާދާރު ވެރިޔާ ޝާފިއު މުހައްމަދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ފިރިހެނެއްކަމަށެވެ. އޭނާ ވިދާޅުވީ އެމީހާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ޝާފިއު ވިދާޅުވީ އެމީހާއަކީ ހިތުގެ ބަލި ކަހަލަ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށާއި ބަލި ހާލަތު ހުރިގޮތުން ވެކްސިން ވެސް ނުޖެހި ހުރި މީހެއް ކަމަށެވެ.
އެ މީހާ މާލެ ފޮނުވާލާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ޗާޓަރު ފްލައިޓެއްގައި ހަނިމާދޫ މަގުންނެވެ.
ނޮޅިވަރަމުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލި ހާލަތު ގޯސްވި މީހަކު މީގެކުރިންވެސް ވަނީ ށ ފުނަދޫގައި ހުންނަ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ވެސް ގެންގޮސްފަ އެވެ.
ޝާފިއު އިތުރަށް ވިދާޅުވީ މިހާތަނަށް އެ ރަށުން 1509 ސާމްޕަލް ނެގިފައިވާއިރު އޭގެ ތެރެއިން 274 ސާމްޕަލް ޕޮޒިޓިވްވި ނަމަވެސް މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ތިބީ 164 މީހުން ކަމަށެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 110 މީހުން މިހާތަނަށް ބަލިން ރަނގަޅުވެފައިވާއިރު އޭގެ ތެރެއިން 48 ކުޑަކުދިން ހިމެނޭކަމަވެސް ޝާފީ ވިދާޅުވި އެވެ.
އެރަށުން 88 ކުޑަކުދިން ޕޮޒިޓިވްވި އިރު 2 މާބަނޑު މީހުންނާއި ހެލްތް ސެންޓަރުގެ 5 ސްޓާފަކުވެސް ޕޮޒިޓިވި އެވެ.
މިދިއަ އޯގަސްޓް 28 ވަނަ ދުވަހު ނޮޅިވަރަމުން 7 ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.