twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުޅުދުއްފުށީގެ ގިނަ ސިވިލް ސާވެންޓުން ވަޒީފާއަށް ނުކުތީ ކަޅު ހެދުމުގައި

އަބްދުލް ވާހިދު ޙަސަން
Sep 19, 2021

ދައުލަތުގެ މުވައްޒަފުންގެ މެދުގައި ގެންގުޅޭ އިންތިހާ ދަރަޖައިގެ މުސާރައިގައި ތަފާތުކުރުމުގެ މައްސަލާގައި ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ކަޅު ހެދުމުގައި މިއަދު ވަޒީފާއަށް ނުކުމެއްޖެ އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ކުޅުދުއްފުށީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިވިލް ސާވެންޓުންވެސް ވަޒީފާއަށް މިއަދު ނުކުމެފައިވަނީ ކަޅު ހެދުމުގައި އެވެ.

އެގޮތުން ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލް އަދި ހޮސްޕިޓަލާއި ސްކޫލުތަކުގެ އިތުރުން އެހެން ބައެއް އިދާރާތަކުގެ ސިވިލް ސާވެންޓް ކަޅު ހެދުމުގައި ނިކުތްކަން ފާހަގަކުރެވެ އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން ބުނެފައިވަނީ އާދިއްތަ ދުވަހު މަސައްކަތަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށާއި ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ ޖެހިގެން އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާނެ ކަމަށެވެ.

ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ހަމަޖައްސައިދިނުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުންމެވެ.

އޮފިޝަލް ވިދާޅުވީ އަންހެނުން ކޮމިޓީގެ މުސާރަ ދެގުނައަށް ބޮޑުކުރެވޭ އިރު ސިވިލް ސާވެންޓުން ދުވާލު ހަތަރުދަމު މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ދެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންގެ މުސާރަ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވެ އެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ރައީސް ވަނީ ދެއްވައިފަ އެވެ.

އަދި މީގެ އިތުރުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ވެސް ވަނީ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ޕާފޯމަންސް އެޕްރެއިސަލްއަށް ރިއާޔަތްކޮށް ދޭ ގްރޭޑް ކުރިއެރުން ދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމުން އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސަށް ޕެޓިޝަނެއް ހުށަހެޅިއިރު އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ޕްރޮމޯޝަން ދިނުން މެދުކަނޑާލަން އެންގުމަކީ މިދިޔަ އަހަރު މާޗު މަހު ހިސާބުގައި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ.


ނަމަވެސް އެއީ ވަގުތީ ނިންމުމެއް ކަމަށާއި މާލީ ހާލަަތު ރަނގަޅުވަމުން އަންނަ މިންވަރަކުން އެކަންތައް ބަދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އަންނަ އަހަރު އެންމެ އަވަހަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނާނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ކަމަށާއި އިތުރަށް ރަނގަޅު ކުރެވެން ހުރި ކަންކަން ބަލައި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 16،593 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355