ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރަސްމީކޮށް އިއްޔެ ބައްދަލުރައްވައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ އަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އުޅުއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޝާހިދާ ބައްދަލުކުރައްވައި ވަނީ އދ. ގެ ރައީސަކަށް ޝާހިދު އިންތިހާބުވުމުން މަރުހަބާ ދަންނަވައިފަ އެވެ.
މިއީ އދ. ގެ ރައީސްގެ މަގާމު ދިވެއްސަކު އަދާކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވުމުން، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދަތުރުފުޅު ވެސް ވަނީ ވަކިން ހާއްސަ ވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާ އަށް މި ފަހަރު ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދެންނެވީ ވެސް އދ. ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދެވެ. އަދި ޝާހިދު ވަނީ ރައީސަށް ރަސްމީ ފަރިއްކޮޅެއް ވެސް ދެއްވައިފަ އެވެ.
ޝާހިދު ވަނީ ޑިސެމްބަރު 2022 ނިޔަލަށް ދުނިޔޭގެ އާބާދީ އަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒު ހިފައި އަދި ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމާ ހަމައިން ފެށިގެން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި އެ މަނިކުފާނަށް ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ.