twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރައީސުލްޖުމްހޫރިއްޔާ، ސްވިޒަރލެންޑުގެ ރައީސްއާ ބައްދަލުކުރައްވައިފި

ނަބީލާ އިސްމާޢީލް
Sep 22, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް، ހިޒް އެކްސެލެންސީ ގައި ޕާރމެލިން އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އދގެ މައި އިދާރާގައެވެ.

ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ މުހިއްމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި ހިޔާލު ބަދަލުކުރައްވާފަ އެވެ.

އެގޮތުން ކޮވިޑް-19 ޕެންޑަމިކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ފަދަ މައުލޫއުތަކުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

އަދި ޓެރަރިޒަމާއި، ހައްދުފަހަނަ އަޅައިދިއުމުގެ ހުރިހާ ބާވަތެއްގެ އަމަލުތައް ހުއްޓުވުމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރާއްޖެއާއި ސްވިޒަރލެންޑާ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސްއާއި ސްވިޒަލެންޑްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ސްވިޒަރލެންޑާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981 ޖޫން 23 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355