twitterviber whatsapp telegramfacebookyoutube instagram
1st November 2026

ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚަދީޖާ އާދަމް
Sep 26, 2021

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން، މިދިޔަ އަންގާރަ ދުވަހު ރައީސް ވަނީ އެ މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރައްވާފައިއެވެ.

އެ ތަގުރީރުގައި ދިވެހި ބަހުން ވާހަކަ ދެއްކެވުމަކީ، ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ބަސްބުނުމުގެ ގާބިލިއްޔަތު ލިބިގެންވޭތޯ އާއި ރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ގައުމެއްތޯ ބައިނަލްއަގުވާމީ މައިދާނުގައި ކުރެވޭ ސުވާލުގެ ޖަވާބު ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނުގެ ތަގުރީރުގައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރައްވައި، ދުނިޔެއަށް ކުރިމަތުވެފައިވާ ޓެރަރިޒަމްގެ މައްސަލަ އާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑް-19 ބަލިމަޑުކަމަށް އަލިއަޅުވާލައްވައި، އެފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުޅި ދުނިޔެ އދ. ގެ އާންމު މަޖިލީހަށް ބަރޯސާވާކަމަށް ވިދާޅުވެފައިއެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ބައެއް ގައުމުތަކުގެ ލީޑަރުންނާ މަޝްވަރާ ބައްދަލުވުންތައް ބޭއްވެވި އިރު އޭގެ ތެރޭގައި ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދް އަލް ސަބާހު އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހިމެނެއެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293