twitterviber whatsapp telegramfacebookyoutube instagram
11th December 2025

ވިއްސާރާގައި ކުޅުދުއްފުށީގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ޚަދީޖާ އާދަމް
Sep 26, 2021
1

މިއަދު ކުރަމުން ގެންދާ ވިއްސާރާގައި ކުޅުދުއްފުށީގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މައްސައްކަތް ފަށާފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކޭއޯއަށް މައުލޫމާތު ދެމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ރަށުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާކަމުގެ ރިޕޯޓް ކައުންސިލަށް ލިބިފައިވާކަމަށައި އަދި ބައެއް ގެތަކަށް ފެންވަދެގެން އެކަމުގެ ރިޕޯޓްވެސް ލިބިފައިވާކަމަށެވެ.

އެގޮތުން ގާތްގަނޑަކަށް 6 ގެއަކަށް ފެންވަދެގެން ކައުންސިލަށް ރިޕޯޓްކޮށްފައިވާކަމަށާއި އަދި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކުގެ ފާހާނައިން ފެން ނުހިދިގެން އެކަމުގެ ރިޕޯޓްވެސް ލިބިފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން ކައުންސިލުން ވަނީ ނަރުދަމާ ނިޒާމުގެ ތެރެއަށް ދިޔަދޮވި ހޮޅި ގުޅާވާފައިވާ ފަރާތްތަކުން އެކަން އިސްލާހު ކުރުމަށް އެދިފައެވެ.

ރަށުތެރޭގައި އެންމެ ބޮޑަށް ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވަނީ ރަތްބަގީޗާގެ ސަރަހައްދާއި ކަސްޓަމްސް އިމާރާތް ހުންނަ ސަރަހައްދުން ކަމަށާއި އެސަރަހައްދު ތަކުން ފެން ހިދުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ޕަބްލިކް ވޯކްސް އަދި އެމްއާރުސީ ކުރަމުންދާކަމަށް މޭޔަރު ވިދާޅުވި އެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާތީ ކައުންސިލްގެ ފަރާތުން ވަނީ މިހާރު ވަނީ ހޮޓްލައިންއެއް ގާއިމްކޮށްފައެވެ. އެގޮތުން ފެން ބޮޑުވެ އެހީތެރިކަމެއް ބޭނުން ވެއްޖެނަމަ 6527134 ނުވަތަ 6527136 ގުޅުމަށް ކައުންސިލުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355