ކޮވިޑްގެ ޕެންޑެމިކާއި ގުޅިގެން ބަންދުކޮށްފައިވާ އިންޑިޔާގެ ސިނަމާތައް އަންނަ އޮކްޓޯބަރު މަހު ހުޅުވަން ނިންމާފައިވާކަމަށް މަހަރަޝްތްރާގެ ޗީފް މިނިސްޓަރު އުދަވް ތަކްރޭ ދާދި ފަހުން ހާމަކުރުމާއި ގުޅިގެން ރިލީޒް ނުކުރެވިހުރި 14 ފިލްމެއްގެ ރިލީޒް ތާރީހުތައް އިއުލާންކޮށްފި އެވެ.
އެގޮތުން ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ކުރަނީ އަކްޝޭގެ ސޫރިޔަވަންޝީ އެވެ. ފިލްމުގެ އެއް ޕްރޮޑިއުޝަރު ކަރަން ޖޯހަރު ބުނީ އިންޑިޔަގައި ފާހަގަކުރާ ދިވާލީއާއި ދިމާކޮށް މިފަހަރު ސިނަމާތަކަށް އަންނަނީ ސޫރިޔަވަންޝީކަމަށެވެ. ފިލްމުގައި ބަތަލާގެ ރޯލު އަދާކުރަނީ ކެޓްރީނާ ކެއިފްއެވެ. އަދި އަޖޭ ދޭވްގަން އާއި ރަންވީރު ސިންގް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.
އެއަށްފަހު ދެން އަންނާނީ ސައިފް އަލީ ޙާންއާއި ރަނީ މުކަރުޖީގެ ބަންޓީ އޯރް ބަބްލީއެވެ. މި ފިލްމު ރިލީޒް ކުރާނީ ނޮވެމްބަރު 19 ގައެވެ. މި ފިލްމުން ދެން ފެނިގެން ދާނީ ސިދާންތް ޗަތުރުވެދީއާއި ޝަރްވަރީއެވެ.
ޑިސެންބަރުގައި 3 ފިލްމެއް ރިލީޒްކުރަން ހަމަޖެހިފައިވާއިރު ދެ ފިލްމަކީ ކްރިކެޓްގެ ދެ ފިލްމެވެ. އެއީ 1983 ވަނަ އަހަރު އިންޑިޔާގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބީގެ މައްޗަށް އުފައްދާފައިވާ، ރަންވީރު ލީޑުން ފެނިގެންދާ ފިލްމު "83" އާއި ޝާހިދު ކަޕޫރުގެ "ޖާޒީ" އެވެ. އަދި ސުނިލް ސެޓީގެ ފިރިހެން ދަރިފުޅު އަހާން ސެޓީގެ އަލަތު ފިލްމު "ތަޅަޕް" ވެސް ޑިސެންބަރުގައި ރިލީޒް ކުރާނެ އެވެ.
އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފާހަގަ ކުރެވޭ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ޕްރިތްވީ ރާޖް" ހިމެނެއެވެ. އެ ފިލްމު ރިލީޒް ކުރާނީ ޖެނުއަރީ 21 ގައެވެ. ކުރިން މިއަހަރު ޑިސެންބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ"ވަނީ އަންނަ ފެބްރުއަރީ 14 އަށް ލަސްކޮށްފައެވެ. އެއަށްފަހު ދެން ރިލީޒް ކުރާނީ ރަންވީރު ސިންގް ގެ "ޖަޔޭޝްބައި ޖޯޑާ"އެވެ. އެއީ ފެބްރުއަރީ 25 ގައެވެ.
އަނެއްކާވެސް މާޗުމަސް ފެށިގެންދާނީ އަކްޝޭގެ "ބައްޗަން ޕާންޑޭ"އިންނެވެ. އެއީ މާޗު 4 ވަނަ ދުވަހުއެވެ. އެއަށްފަހު 3 އަހަރުގެ މެދުކެނޑުމަކަށް ފަހު ރަންބީރު ކާޕޫރް އެނބުރި އަންނަ ފިލްމު "ޝަމްސޭރާ"ވެސް މާޗު 18 ގައި ރިލީޒް ކުރާނެ އެވެ. އަދި ކާތިކް އާރިޔަންގެ "ބޫލް ބުލައްޔާ 2" މާޗު 25 ގައި ބެލުންތެރިންނަށް ދޫކޮށްލާނެއެވެ.
މީގެ އިތުރުން އޭޕްރިލްގައި ކޭޖީއެފް 2، މޭޑޭ، ހީރޯޕަންތޯ 2 އަދި މޭ މަހު ގަންގޫބައި ކަތިއަވަޅީ އާއި ޕަތާން ވަނީ ރިލީޒްކުރަން ހަމަޖެހިފައެވެ.