ވިއްސާރަ ދުވަހެއްގައި ކުޅުދުއްފުށީގެ މަގުތައް އޮންނަ ހާލަތާމެދު އިތުރު ތަފްސީލަކަށްދާކަށް ނުޖެހޭނެ އެވެ. ފެންގަނޑު ބޮޑުވެ އެ ފެން ނުހިނދި އެތަކެއް ހަފުތާއަކަށް ދިގުދެމި މަގުތައް ޗަކަވެ، އެތަކެއް ބަޔަކަށް ބޮޑެތި ދަތިތައް ކުރިމަތިވެ އެވެ. ތާރުއެޅި މަގުތަކާއި ތާރު ނާޅާ މަގުތަކުގައި ފެން ނުހިނދި ގިނަ ދުވަސްވާ މައްސަލައަކީވެސް ހައްލު ނުވެއޮތް ބޮޑު މައްސަލަ އެކެވެ.
ތާޅު އަޅައިގެން މަގުތައް ހެދިއިރުވެސް ފެންހިންދާނެ ރަނގަޅު ނިޒާމެއް ގާއިމުކޮށްފައި ނެތުމުން ފެން ހިނދެއް ގިނަ ދުވަސްތަކެއް ނަގަ އެވެ. ހާއްސަކޮށް ކަސީދާ ގޯޅިއަކީ އެފަދަ މިސާލެކެވެ. އެ މަގުން ފެން ހިންދެއް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގަ އެވެ. މިކަން އޮންނަނީ ބޮޑު ތުރާލަކަށްވެފަ އެވެ. އެކަމަކު ދާދިފަހުން އެމަގުގައި ފެންގަނޑު ބޮޑުވާ މައްސަލައަށް ސިޓީ ކައުންސިލުން ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދީފަ އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެފައިވަނީ އެގަމުގައި ފެން ހިންދުމުގެ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް މިހާރު ލިބިފައިވާ ކަމަށާއި މިހާރު ގާތްގަނޑަކަށް 6 ގަޑިއިރުން މަގުގެ ފެންގަނޑު އެއްކޮށް ހިނދޭނެ ކަމަށެވެ.
ހަމައެގޮތަށް ތާރު އަޅާފައި އޮންނަ އަމީނީމަގުގެ ދެ ފަރާތަކީވެސް ފެންގަނޑު ޖަމާވެ ނުހިނދި އޮންނަ ސަރަހައްދެކެވެ.އެކަމާ ބެހޭ މޭޔަރު ވިދާޅުވީ ތާރު އެޅި މަގުތައް ނޫން ނަމަވެސް ފެންބޮޑުވާ ސަރަހައްދުތައް ފާހަގަ ކުރަމުން އަންނަ ކަމަށާއި އަމީނީމަގުގެ ފެންބޮޑުވާ ސަރަހައްދުތަކުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަގުގެ ދެކުނު ކޮޅުގައި ފެންބޮޑުވާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަސީދާ ގޯޅިއަކީ އަބަދުވެސް ކާރުބާރު ބޮޑު މަގެކެވެ. އެ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުވުމުން މަގުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.
"ކުރިއާ ބަލާފަ ވަރަށް ފަސޭހަ މިހާރު މި މަގުގަ. ހާއްސަކޮށް މިމަގުގަ އިންނަ ދެ ކުލާހަށް އަންނަ ކުދިންނަށާ އެ ކުދިންގެ ބެލެނިވެރިންނަށް ފަސޭހަވާނެ. ކުރިން މަގުން ފެން ހިންދެން ނަގާނެ ހަފްތާއެއް އެކަމަކު މިހާރު ދެތިން ގަޑިއިރުން ފެނަށް ނޭރި މަގުގައި ހިނގާލެވޭ ވަރުވޭ.މަގުގައި ދިރިއުޅޭ ރައްޔިތެއް
ކުޅުދުއްފުއްޓަކީ ވާރެވެހިއްޖެނަމަ ފެންބޮޑުވާ މައްސަލައަކީ ހަލުނުވެ އޮތް ބޮޑު މައްސަލަ އެކެވެ. ތާރު އެޅި މަގުތަކަކީވެސް ވިއްސާރަ ވެއްޖެ ނަމަ ބޮޑު ތަކުލީފަކަށް އޮންނަނީ ވެފަ އެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރާ ގުޅިގެން ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ.