twitterviber whatsapp telegramfacebookyoutube instagram
15th November 2026

13 ފަހަރުގެ ޔޫރަޕިއަން ޗެމްޕިއަން ބަލިކޮށް ޝެރިފުން ބޮޑު ކާމިޔާބީއެއް ހޯދައިފި

މުޙައްމަދު އަހުމަދު
Sep 29, 2021

13 ފަހަރުގެ ޔޫރަޕިއަން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް މިމުބާރާތަށް އަލަށް ކޮލިފައިވި ޝެރިފުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

މިމެޗު ޝެރިފުން 2 - 1 ން ކާމިޔާބުކުރިއިރު މެޗުން މޮޅުވި ލަނޑަކީ އެންމެ ފަހުވަގުތު ސެބާސްޓިއަން ތިލް އެޓީމަށް ޖަހައިދިން ލަނޑެކެވެ. ޑެބިއުޓް ޓީމް ކަމަށްވާ ޝެރިފުން މިވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބަލިކޮށް ފުޓްބޯޅަ ދުނިޔެއަށް ބޮޑު ޝޮކެއް ގެނުވާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑުވެސް ޖެހީ ޝެރިފުންނެވެ. ފުރަތަމަ ހާފުގައި ޝެރިފުގެ ޖަސުރްބެކް ޔަކްޝިބޮއޭވް ބޮލުން ޖެހި ގޯލާއެކު އެޓީމުން ލީޑޫ ނެގި ނަމަވެސް 65 މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނަމަވެސް މެޗުގެ ފަހުވަގުތު ސެބާސްޓިއަން ތިލް ޖެހި ލަނޑާއެކު ރެއާލްވަނީ އެމީހުންގެ އަމިއްލަ ދަނޑުގައި އަލަށް ކުޅޭ ޓީމެއް އަތުން ބަލިވެ ބޮޑު ލަދެއްގައި ބެދިފަ އެވެ.

ފަހުވަގުތު ޖެހި ލަނޑާއެކު މޯލްޑޯވަން ޗެމްޕިއަނުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މެޗަށްފަހު ސެބާސްޓިއަން ތިލް ބުނީ މިއީ އޭނާގެ ކެރިއަރުގައި ޖެހި އެންމެ މޮޅު އަދި އެންމެ މުހިއްމު ގޯލުކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ޝެރިފުގެ ކެޕްޓަން ފްރޭންކް ކެސްޓަނޭޑާ ބުނީ މިމޮޅަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި އޭނާ ބުނީ އެމީހުންގެ އަމާޒަކީ ދެވަނަ ބުރަށް ދަތުރުކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293