ކޯސްތައް ފުރިހަމަކޮށްފައި ނުކުންނައިރު ހަގީގަތުގައި ލިބެންޖެހޭ ތަމްރީނާއި ތަރުބިއްޔަތު ނުލިބޭކަމަށާއި އެސަބަބާހުރެ ސެޓިފިކެޓަކީ މިހާރު ވިއްކާ އެއްޗަކަށް ރައްޔިތުން ދެކެމުންދާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދު ލަތީފް ވިދާޅުވެއްޖެ އެވެ.
އިއްޔެ ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފުރުސަތު ހޯއްދަވައި މެންބަރު ޔާސިރު ވަނީ ކުޅުދުއްފުށީގައި މަތީ ތައުލީމުގެ ކޯސްތަކެއް ހިންގި ފަރާތަކުން ހިންގި ކޯސްތައް ވެލިޑޭޓްނުކުރެވި ސެޓްފިކެޓް ނުލިބި އަދި ކޯސްތައް ފުރިހަމަނުކުރެވިވާތީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އިބްރާހީމް ހަސަން އާއި ސުވާލުކުރައްވާފަ އެވެ.
ޔާސިރު ވިދާޅުވީ ކޯސްތައް ފުރިހަމަކޮށްފައި ނުކުންނައިރު ހަގީގަތުގައި ލިބެންޖެހޭ ތަމްރީނާއި ތަރުބިއްޔަތު ނުލިބޭކަމަށާއި، އެސަބަބާހުރެ ސެޓިފިކެޓަކީ މިހާރު ވިއްކާ އެއްޗަކަށް ރައްޔިތުން ދެކެމުންދާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ކިހާވަރަކަށް މަސައްކަތް އެބަ ކުރެވޭތޯ ޔާސިރު ވަނީ ސުވާލު ކުރައްވާފައެވެ.
ޔާސިރު ވިދާޅުވީ މަތީ ތައުލީމު ދޭ މަރުކަޒުތައް، އެ މަރުކަޒުތައް އޯވަރސައިޓްކުރުމުގެ މަސައްކަތް ކިހާވަރަކަށް މިނިސްޓްރީން ކުރިއަށް ގެންދޭތޯ ސުވާލު ކުރައްވާފައެވެ.
"އެހެން އަޅުގަނޑު މި ދަންނަވާލީ، މިހާރު ވެސް ކުޅުދުއްފުށީގައި މަތީ ތައުލީމުގެ ކޯސްތަކެއް ހިންގި ފަރާތަކުން ހިންގި ކޯސްތައް ވެލިޑޭޓްނުކުރެވި، ސެޓްފިކެޓް ނުލިބި އަދި ކޯސްތައް ފުރިހަމަނުކުރެވިވާތީ، ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތް. ހަމަ އެއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިހާރަކަށްއައިސް މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު އިންތިހާއަށް ދަށްވަމުންދާކަމީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހަމަ ފާހަގަވާ ކަމެއް." ޔާސިރު ވިދާޅުވިއެވެ.
ޔާސިރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަސަން ވަނީ މެންބަރު ޔާސިރު ފާހަގަ ކުރެއްވި މައްސަލައިގެ ތަފްސީލް މިނިސްޓްރީއާއި ހިއްސާކޮށްދެއްވަން އެދިވަޑައިގެންފައެވެ. އަދި އެ މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލަ އިތުރަށް ދިރާސާކޮށް އިތުރަށް ބައްލަވާނެ ކަމަށާއި، އެކަން ކޮށްދެއްވަން ބޭނުންފުޅުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމުގެ ފެންވަރު މިހާރު ބެލުން އެއީ ގާނޫނީ ގޮތުން ލާޒިމު ކަމެއްކަމަށާއި އެއީ އިއްޒަތްތެރި މަޖިލީހުން މިހާރު އޮންނަނީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނެއް ފާސްކޮށްދެއްވާފަ ކަމަށެވެ. މުޅި ރާއްޖޭގެ ތާރީހުގައި ވެސް އަލަށް މަތީ ތައުލީމާއި ތަމްރީނާ ބެހޭ ގާނޫނެއް މި މަޖިލީހުން ފާސްކޮށްފަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ގާނޫނުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިނގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މައްޗަށް އޮތް އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ދެވޭ ތައުލީމުގެ ފެންވަރު ކަށަވަރުކުރުން ކަމަށެވެ. އެހެންކަމުން އެކަމަށް ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ވެސް މިހާރު ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ދެއްވާފައިވާ މުއްދަތަށް ވުރެ ކުރީގައި އެ މަސައްކަތް ނިންމަވާނެ ކަމަށާއި، އޭގެތެރޭގައި ހުރި ބައެއް ކަންތައްތަކަކީ ވަރަށް އަވަހަށް ނިންމަންޖެހޭ ކަންތައްތައްކަން ވެސް ގަބޫލުކުރަށްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އޮތް ހާލަތަށް ކަންތައްތައް ގޮސްފައި ވަނީ ތައުލީމީ ކަންތައްތައް ރަނގަޅަށް ފުރިހަމައަށް ރެގިއުލޭޓްނުކުރެވި ގިނަ ދުވަސްތަކެއް ވުމުންކަމަށާއި އެކަންކަން ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު ގޮންޖެހުންތަކެއް ހުރިކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތައް ހައްލު ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.