އިސްލާމް ދީނާ ހިލާފު އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ނުވަތަ މިސްކިތްތަކުގެ ހުރުމަތް ކެނޑިގެންދާފަދަ ކަންތައްތައް ކުރާ މީހުންގެ މައްސަލަތަކަކީ ފުލުހުން ބޮޑު އިސްކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ދާދިފަހުން އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ފާހަގަވެފައިވާ ކަމަށް ބުނުމުން އެކަމަށް އަމާޒުވެގެން އައި ފާޑުކިޔުންތަކާއި ގުޅިގެންނެވެ.
ފުލުހުން އިތުރަށް ބުނީ ވަކި ބާވަތެއްގެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކީ ނުކުޅޭދެ މީހެއް ކަމަށް ކަނޑައެޅުމަކީ ފުލުހުންގެ ހިދުމަތުން ކުރާކަމެއް ނޫން ކަމަށާއި އެމީހުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ފާހަގަ ކުރުމުން އެފަދަ ކޮންމެ މައްސަލައެއްގައިވެސް ފުލުހުން އަމަލު ކުރަނީ އެގޮތަށް ކަމަށް ދޭހަވާ ގޮތަށް ސުވާލު އުފައްދާ އަދި ފާޅުކުރަމުންދާ ޝުއޫރުތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކަންކަން ކަމުގައި ދެކޭ ހާލު އެކަން ކުށްވެރި ކުރާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ އެންމެހައި ރައްކާތެރިކަމާއި ހިމާޔަތަށް އުނިކަން އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.