ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ހައްގު މިންވަރު ހަމަޖައްސަވައިދެއްވުމަށް ހދ ފިނޭ ކައުންސިލުން ސަރުކާރަށް ގޮވާލައިިފި އެވެ. ކައުންސިލްގެ ރައީސް ހިމެނޭހެން ހަތަރު މެމްބަރުން ސޮއިކުރައްވައި ނެރުނު ބަޔާނުގައިވާ ބުނެފައިވަނީ ޒަމާނަށް އައި ބަދަލުތަކާއެކު ދިރިއުޅުމަށް ކުރަންޖެހޭ ހަރަދުތައް ވަރަށް ބޮޑަށް އުފުލަމުންދާއިރުވެސް މުވައްޒަފުންނަށް ދެވެމުންދަނީ އެކަށީގެންވާ ވަރަށްވުރެ މާކުޑަ އުޖޫރައެއްކަމަށެވެ.
ހަމައެއާއެކު ހިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަވާއިރު މުވައްޒަފުންނަށް މަގާމުގެ ގޮތުން އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށާއި 10 އަހަރު ހިދުމަތުގައި ހޭދަކުރި މުވައްޒަފުންނާއި އަލަށް ހަމަޖައްސާ މުވައްޒަފުވެސް މަގާމުގެ ގޮތުންނާއި އުޖޫރައިގެ ގޮތުން ހަމަހަމަވާކަން ވެސް ހިތާމައާއެކު ކައުންސިލުން ފާހަގަކުރެއްވި އެވެ.
2011 ގައި ސިވިލް ސާވިސް ކޮމިޝަނުން ފާސްކުރެއްވި ފިނޭ ކައުންސިލްގެ އިދާރީ އޮނިގަނޑުގައި 13 މުވައްޒަފުން ހިމެނިފައިވީ ނަމަވެސް އެއިދާރާގައި މަސައްކަތްކުރަމުން ދަނީ ޖުމްލަ 4 އިދާރީ މުވައްޒަފުން ކަމަށާއި ވޭތުވެދިޔަ 10 އަހަރުތެރޭގައި ކުރެވުނު މަސައްކަތުން އިދާރީ އޮނިގަނޑުގައި ހިމެނޭ ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ސަރުކާރުން ހަމަޖައްސައިދީފައިނުވާ ކައުންސިލް ހިންގަމުން ދަނީ މަދު މުވައްޒަފުންގެ ބުރަ މަސައްކަތުން ކަން އެރަށު ކައުންސިލުން ހާމަކޮށްފައިވެ އެވެ.
އެހެންނަމަވެސް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާ ބަލަހައްޓަންޖެހޭ ތަންތަނާއި ކަންކަން އިތުރުވެ އިގްތިސާދީ އިޖުތިމާއީ ހަރަކާތްތައް ގިނަވެ ތަންފީޒުކުރަންޖެހޭ ނިންމުންތައް ނުނިމި އަދި ޒަމާނާ ހާލަތަށް އަންނަ ބަދަލާއި ގުޅިގެން ހިދުމަތްދޭންޖެހޭ ގޮތްތަކަށް ގެނެވޭ ބަދަލުގެ ތެރެއިން ކައުންސިލްގެ އިދާރީ ހިންގުމުގެ ނިޒާމަށް ވަނީ ބާރު ބޮޑުވެ މުވައްޒަފުންނަށްވުރެ މަސައްކަތް އިތުރުވެފައިކަން ފިނޭ ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.
މުވައްޒަފުންނަށް މަގާމުގެ ގޮތުންނާއި މުސާރައިގެ ގޮތުން ކުރިއެރުން ދިނުމަށާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮތް މުސާރައާއި އިނާޔަތްތަކުގެ ބޮޑު ތަފާތުކުރުންތައް ނިމުމަކަށް ގެންނެވުމަށް އަދި އަލަށް ކަނޑައަޅައި މިނިމަމް ވޭޖަކީ އަސާސީ މުސާރައަށް ގެނެވޭ ހެޔޮ ބަދަލެއްކަމުގައި ކަނޑައަޅުއްވައިދެއްވުމަށްވެސް ކައުންސިލުން ވަނީ ގޮވާލާފަ އެވެ.
އަދި ހާއްސަކޮށް ދަށް ފަންތީގެ މުވައްޒަފުންނަށް މިހާރު ދެވެމުންދާ އެކަށީގެންވާ ނުވާ ކުޑަ މުސާރައަށް ރަނގަޅު ބަދަލެއް ގެނެސްދީ، ދިވެހި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށާއި އެއިދާރާތަކުގެ އިސްވެރިންނަށް ވަނީ ގޮވާލާފަ އެވެ.
ސިވިލް ސާވެންޓުންގެ ދިފާއުގައި ފިނޭ ކައުންސިލުން ނެރުނު މި ބަޔާނުގައި ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އަދުނާން އަބުދުﷲ އާއި ނައިބު ރައީސް ހަސަން އިސްމާއިލާއި މެމްބަރު ޖަވާޒާ ހުސެއިން އަދި މެމްބަރު ޝާފިޔަތު މުހައްމަދެވެ.