ސީ އެމްބިއުލާންސް ގަތުމަށާއި އެ ހިދުމަތަށް މުވައްޒަފުން ތަމްރީނު ކުރުމަށް ޖަޕާނުން ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފިއެވެ.
ރާއްޖެއަށް މި އެހީ ހަވާލުކޮށްދެއްވީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އެހީ އާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަލީލު ވަނީ ރާއްޖެއަށް ސީ އެމްބިއުލާންސްގެ ބޭނުން ގެހިފައިވާ މިންވަރު އިތުރު ވެފައިވާ ކަން ފާހަގަކުރައްވާފައެވެ. މިފަދަ ވަގުތެއްގައި ޖަޕާނުން ވެދެއްވި މި އެހީއާއެކު ރާއްޖޭގައި ސީ އެމްބިއުލާންސްގެ ހިދުމަތް ހަރުދަނާ ކުރެވޭނެކަމަށާއި މޫސުން ގޯސް ދުވަސްވަރެއްގައި ވެސް ބަލިމީހުން އުފުލުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް ހަލީލްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ކޮވިޑް ބަލިމަޑުކަމާއެކު ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލްތައް ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަން ހަލީލް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ހަލީލު ވަނީ ޖަޕާނު ސަރުކާރުގެ މި އެހީ އަށް ޝުކުރު ދަންނަވާފައެވެ.