twitterviber whatsapp telegramfacebookyoutube instagram
4th May 2024

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޑްރައިނޭޖް ސިސްޓަމެއް ގާއިމްކުރަނީ

ޚަދީޖާ އާދަމް
Oct 6, 2021
4

ކުޅުދުއްފުށީގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ވަގުތީ ޑްރައިނޭޖް ސިސްޓަމް ގާއިމްކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ޑްރައިނޭޖް ސިސްޓަމެއް ގާއިމްކުރުމަށް ނިންމީ މިއަދު އޮތް އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި އެވެ.

މި ޖަލްސާގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ޑްރައިނޭޖް ސިސްޓަމެއް ގާއިމްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް މިއަދުގެ ޖަލްސާގައި ތާވަލްކުރި އެންމެ ބޮޑު ސަބަބަކީ ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ވަކި މަގުތަކެއް ފާހަގަކުރެވިފައިވުމާއި، ރަނގަޅަށް ނުހެދި ހުރި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެންވަދެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ދިމާވަމުންދާތީ އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.

މޭޔަރު ވިދާޅުވީ އަންގާރަ ދުވަހު ކުޅުދުއްފުއްޓަށް ކުރި ވިއްސާރައިގައިވެސް ފެންބޮޑުވެ، 6 ގެއަކަށް ފެން ވަދެފައިވާކަމުގެ ރިޕޯޓް ކައުންސިލަށް ލިބިފައިވާކަމަށާއި އޭގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހު 26 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ކުރި ވިއްސާރާގައި 19 ގެއަކަށް ފެންވަދެގެން ކައުންސިލަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މިކަމުގެ ބަހުސަށް ހުޅުވާލި ފުރުސަތުގައި ކުޅުދުއްފުށީ ހުޅަނގު އުތުރު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ (ރޯޒޭ) ވިދާޅުވީ މިއީ ހައްލުކުރަން ޖެހިފައި އޮތް ވަރަށް މުހިއްމު މައްސަލައެއް ކަމަށެވެ. މިހާރު ފެންބޮޑުވާ ސަރަހައްދުގައި ފެން ހިންދަނީ ޕަންޕުޖަހައިގެންކަން ފާހަގަކޮށް ރޯޒޭ ވިދާޅުވީ އެއީ ހައްލެއްކަމަށް ނުދެކޭ ކަމަށެވެ.

ސަބަބެއްގޮތުގައި އޭނާ ފާހަގަކުރެއްވީ ޕަންޕު އިންސްޓޯލްކޮށް މަސައްކަތް ފެށޭއިރު އޮންނަނީ ފެންބޮޑުވެ ގެތަކަށް ފެން ވަދެފަކަމަށެވެ. ޕަންޕު ޖެއްސެނީ ގިނަ ގެއްލުންތަކެއްވާ ފަހުންކަން ރޯޒޭ ފާހަގަކުރެއްވި އެވެ. އެހެންކަމުން ރަނގަޅު ޑްރައިނޭޖެއް ގާއިމްކުރެވިގެން ގޮސްފިނަމަ ވާރެވެހެން ފަށާ ހިސާބުން ފެށިގެން ފެންބޮޑުނުވެ ހިފެހެއްޓޭނެކަމަށް ގަބޫލް ކުރާކަމަށްވެސް ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވެސް ފާހަގަ ކުރެއްވީ ފެންބޮޑުވާ ބައެއް ހިސާބުތަކަކީ ޕަންޕު ޖަހައިގެން ފެން ހިންދަށް އުދަނގު ހިސާބުތަކެއް ކަމަށާއި ސަބަބަކީ ދުރަށް ހޮޅިއަޅައިގެން ފެންގަނޑު ހިންދަން ޖެހުން ކަމަށެވެ. މީގެ އިތުރުން ތާރު އަޅައިގެން ހަދާފައިވާ މަގުތައް އާންމު ބިންގަނޑު ލެވެލްއަށް ވުރެ އުސްކޮށް ހެދުމުގެ ސަބަބުން އިތުރަށް ފެންބޮޑުވާ މަގުތައް ގިނަކަން ޑެޕިއުޓީ ފާހަގަކުރެއްވި އެވެ. އެހެންކަމުން ކުރިއަށް އޮތް މަގު ހެދުމުގެ މަޝްރޫއުތަކުގައި އެފަދަކަންކަން މޮނީޓަރ ކުރެވިގެން މަޝްރޫއުއަށް ހިންގުމަށް ޑެޕިއުޓީ މޭޔަރ އެދިލެއްވި އެެވެ.

ބަހުސް ނިމުމުން މޭޔަރު ހުށައެޅުއްވީ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ޑްރައިނޭޖް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މުނިސިޕަލް ކޮމެޓީއަށް ފޮނުވުމަށެވެ. އެކަން އެގޮތަށް ކުރުމަށް ފާސްކުރުމަށް ޖަލްސާއަށް ހާޒިރުވި ހުރިހާ މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355