twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެންމެ އިސް ވާޖިބަކީ ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރުން: ރައީސް

ނަބީލާ އިސްމާޢީލް
Oct 7, 2021

ރައީސްގެ އެންމެ އިސް ގައުމީ ވާޖިބަކީ ރާއްޖޭގެ އެންމެ މަތީ މާސްލަހަތު ރައްކާތެރިކުރުންކަމަށާއި އަދި އެއީ ދިވެހި ގައުމިއްޔަތުގެ އަސާސީ ބަހާތައް ނަގަހައްޓައި ދެމެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ގައުމިއްޔަތުގެ އަސާސީ ބަހާތައް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން އެކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުމާއި ރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުމާއެކު، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރޭގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ގައުމީ ދުވަސް އެ ބަތަލެއްގެ މަތިވެރި ޖިހާދަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެ ރަދުންގެ ޤައުމީ ޖިހާދުގެ އެންމެ އިސް ސަފުގައި، ދިވެހި ފަސްގަނޑަށްޓަކައި ގުރުބާންވެވަޑައިގެންނެވި، ފަރާތްތަކުން ވެދެއްވި މަތިވެރި ގައުމީ ޖިހާދުގެ ހަނދާން އާކޮށް އެ ބަތަލުންގެ ފުރާނަފުޅަށްވެސް މާތްﷲ ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާކުރައްވާފައެވެ.

ގައުމީ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޤައުމީ ދުވަހަކީ ދިވެހިންގެ އަމިއްލަވަންތަކަމަށާއި އެއްބައިވަންތަކަމަށްވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ދުވަސްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދިވެހި ގައުމިއްޔަތަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އަމާނާތެއްގެ ގޮތުގައި ފާހަގަކުރައްވާ ދިވެހި އެންމެހާ ރައްޔިތުން މި އަމާނާތަށް ވަފާތެރިވުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

އަހުލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތުކުރުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

އަދި ރާއްޖެއަށާއި ދިވެހިވަންތަކަމަށް އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދަރިން މުޖްތަމައަށް ނެރުމަށާއި، ދިވެހިވަންތަ ޝަޚުޞިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަކީ ގައުމީ ވާޖިބަކަށް ހެދުމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ގައުމުގެ އަންނަން އޮތް ޖީލުގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު އުފައްދައި ގައުމީ ލޯބި ދިރުވައި އާލާކުރުމުގެ އަޒުމް ކަނޑައެޅުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ހިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަން ކޮށްފައި ނެތްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެފަދަ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އެފަދަ ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރަން ފެށުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355