twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ތިމާއަށް ނޭނގި ތިމާގެ ޒާތީ މަޢުލޫމާތު ބެލުމުގެ ބާރު ފުލުހުންނަށް ލިބިގެންވޭތަ؟

Oct 7, 2021

ޤައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ކަންކަން ބަލާ، ހޯދާ އަދި ދެނެގަނެ އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި ނުވަތަ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިނާޢީ ބޮޑެތި ކުށްތަކުގެ ތަޙްޤީޤުގައި ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމަށް، ހާއްސަ ތަޙްޤީޤީ އުކުޅުތަކެއް ބޭނުންކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އެ އުކުޅުތަކުގެ ތެރޭގައި ތަޙްޤީޤު ކުރެވެމުންދާ މީހާއަށް ނޭނގި، އެމީހެއްގެ ކަންކަން މޮނީޓަރ ކޮށްހެދުމުގެ ބާރު ލިބިފައިވެއެވެ.

މިގޮތުގެމަތިން، ފުލުހުންނަށް ލިބިދީފައިވާ އިންޓަރސެޕްޝަންގެ ބާރު ބޭނުންކުރުމުގައި، ޤާނޫނީ އިޖުރާޢަތުތަކަކީ ކޮބާތޯ ބަލާލަމާތޯއެވެ.

ޒާތީ މުޢާމަލާތް އަޑުއެހުމާއި ބެލުން

ޖިނާޢީ ބޮޑު ކުށަކަށް ނުވަތަ ޤައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ފަދަ ކުށްތަކަށް މަގުފަހިވާފަދަ މަޢުލޫމާތެއް ހިމެނޭ މުޢާމަލާތެއް ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކޯޓު އަމުރެއްގެ ދަށުން ޒާތީ މުޢާމަލާތްތައް ސަރވެއިލްކުރުމުގެ ނުވަތަ އިންޓަރސެޕްޓްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. އެގޮތުން، އިންޓަރސެޕްޝަންގެ ބާރު ބޭނުންކުރެވޭނީ، ސިޓީއާއި އީމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުޢާމަލާތްތަކާއި މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ހިންގާ ޒާތީ މުޢާމަލާތްތައް ސަރވެއިލް ކުރުމަށެވެ.

ސަރވެއިލް ކުރުމުގެ ހުއްދަ

މައްސަލައެއްގެ ތަޙްޤީޤުގައި ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ލިޔުމުން، އެމައްސަލައެއް ތަޙްޤީޤުކުރާ އޮފިސަރއެއް ހުއްދަދިނުމަށް ކަނޑައެޅިފައިވާ އޮފިސަރގެ ފަރާތުން އެދެންވާނެއެވެ. އަދި މައްސަލައިގެ ބާވަތަށާއި، ސަރވެއިލް ކުރަންޖެހޭ ސަބަބާއި، ސަރވެއިލް ކޮށްފިނަމަ ހާސިލުކުރަން ބޭނުންވާ މަޤްޞަދާއި ހާސިލްވާނެ މިންވަރުފަދަ ކަންކަމަށް ބަލައި، ހުއްދަ ދިނުމަށް ނިންމި ސަބަބު ބަޔާންކޮށް ލިޔުމުން ހުއްދަ ދޭންވާނެއެވެ.

ފުލުހުންގެ އިސްއޮފިސަރ އެކަމަށް ހުއްދަ ދިނުމުން، ޒާތީ މުޢާމަލާތް ސަރވެއިލް ކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.

މިގޮތަށް ހުށަހަޅާއިރު، އެ މުޢާމަލާތް ސަރވެއިލް ކޮށްގެން މެނުވީ، އެކުށެއް ކުރިކަމުގެ ހެކި ލިބެންނެތްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމާއެކު، އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުޙުމަތުކުރެވޭ ކުށް، އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭކަމަށް ބެލުމުގައި، އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާންވާނެއެވެ.

ކޯޓު އަމުރެއް ނެރުމުގައި ރިޔާޢަތް ކުރަންޖެހޭ ކަންކަން

ސަރވެއިލަންސް ކުރުމުގެ ކޯޓު އަމުރަކަށް އެދި ހުށަހެޅުމުން، އެފަދަ އަމުރެއް ނެރުމުގެ ކުރިން ކޯޓުން ކަށަވަރު ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން، އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭކަމަށް ތުޙުމަތު ކުރެވިފައިވާ ކުށަކީ، ފުލުހުންނަށް ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ ކުށެއްކަން ޔަޤީންކުރުމާއެކު، އެ ކުށަކީ ޖިނާޢީ ބޮޑުކުށެއްކަމުގައި ވާންވާނެއެވެ. އަދި އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭކަމަށް ތުޙުމަތުކުރެވޭ ކުށް، އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާކަމާއި، އެ މުޢާމަލާތް ސަރވެއިލް ކޮށްގެން މެނުވީ، ކުށެއް ކުރިކަމުގެ ހެކި ލިބެންނެތްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ވާކަން ކަށަވަރުކުރަންވާނެއެވެ. ހަމައެހެންމެ، އެ ޒާތީ މުޢާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދުމަށް އިސްވެރިޔާ ހުއްދަދީފައިވުމާއި، ސަރވެއިލަންސް ހިންގުމަށް އެދޭ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަން ކަށަވަރު ކުރަންވާނެއެވެ.

ސަރވެއިލަންސް ކުރުމުގެ ބާރުގެ ބޭނުންކުރެވޭނީ، ކޯޓުއަމުރާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ހިންގޭ ސަރވެއިލަންސެއްގައި ހޯދޭ އެއްވެސް މަޢުލޫމާތެއް، އެ ސަރވެއިލަންސް ނިސްބަތްވާ ކުށަކާގުޅިގެން ހިންގޭ ތަޙްޤީޤެއްގެ ނުވަތަ ޝަރީޢަތެއްގެ ބޭނުމަށް މެނުވީ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ހާމަކޮށްގެން ނުވާނެއެވެ.

  • އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިނަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355