ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންދާއިރު އިސްރަށްވެހީންނަށް މަގުމައްޗަށް ނުކުމެ އުޅެވޭނެ ފަސޭހަ ގޮތްތައް ހިމަނާފައިވާނޭ ކަމަށް ކުޅުދުއްފުށީ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރިލްވާން މިހެން ވިދާޅުވީ މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން (ޑަބްލިއުޑީސީން) އިސްނަގައިގެން އިސްރަށްވެހީންނަށް ކުރިއަށް ގެންދިޔަ ހަވީރުގައި ވާހަކަ ދައްކަމުންނެވެ.
""އަޅުގަނޑުމެން ކައުންސިލުން ހާއްސަކޮށް ކުރިއަށް އޮތްތާގައި، 5 އަހަރުގެ ތަރައްގީގެ ޕްލޭން ތައްޔާރުކުރިއިރު ވެސް ވަރަށް ބޮޑަށް އިސްރަށްވެހީންނަށް ބަލާފަ ވާނެ ކަން އަޅުގަނޑު ފާހަގަކޮށްލަން. އެގޮތުން މަގުހެދުމުގެ ޕްރޮޖެކްޓްތައް އެއްޗެހި ހިންގާއިރުވެސް އިސްރަށްވެހީން މަގުމައްޗަށް ނުކުމެ އުޅެވޭނެ ފަސޭހަ ގޮތްތަކަކަށް ރާވާކަން އަޅުގަނޑުމެން ފާހަގަކޮށްލަން."ކައުންސިލް މެމްބަރު، ރިލްވާން މުހައްމަދު
އޭގެ އިތުރުން މިގޮތަށް ބޭއްވޭ ހަވީރުގައި އެކިފަރާތްތަކާއި ބައްދަލުކޮށްލާ ކުޅިވަރު ކުޅެލާނެ ތަންތަން ތަރައްގީކުރުމަކީ ވެސް ކައުންސިލްގެ ތަރައްގީގެ ޕްލޭންގައި ހިމެނިފައިވާ ކަމެއްކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކީ ވެސް އިސްރަށްވެހީންގެ ދުވަހެއްގެ ގޮތުގަ އަޅުގަނޑުމެން ބަލަން އެބަޖެހޭ ކަމަށާއި އެއީ އަޅުގަނޑުމެން މިއަދު މިދެކޭ ކުޅުދުއްފުށީ ސިޓީ މިގޮތަށް މިފެންނަނީ އެބޭފުޅުން (އިސްރަށްވެހިން) އެދުވަހު ކުރި މަސައްކަތުގެ ނަތީޖާގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރިލްވާން ވަނީ ކޮމިއުނިޓީ ސެންޓަރާއި ރެޑް ކްރެސެންޓާއި ގުޅިގެން ޑަބްލިއުޑީސީން މިކަހަލަ ހަރަކާތެއް ހިންގިކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރުއަދާކޮށްފަ އެވެ.
މިހަވީރުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. އަދި ގިނަ އަދަދެއްގެ އިސްރަށްވެހިން ވެސް ބައިވެރިވި އެވެ.