ސިއްހީ ފަރުވާއަށް އިންޑިއާއަށް ދިއުމަށް މެޑިކަލް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިހާތަނަށް ވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ދިވެހިންނަށް ވިސާދިނުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ. އަދި ރައްޔިތުންނަށް މިހާރު ކުރިމަތިވާ އުނދަގޫތަކަށް ހައްލު ހޯދުމަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަމުންދާ ކަމަށާއި, ވަރަށް އަވަހަށް މިކަމަށް ހައްލު ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Am aware of the difficulties Maldivians are facing in getting medical visas to 🇮🇳, despite special arrangements for Maldivian nationals to facilitate easier process, especially given border closure.
— Abdulla Shahid (@abdulla_shahid) October 9, 2021
Am in touch with Indian Gov on this. Confident we can find a solution shortly.
ދިވެހިން އިންޑިއާ އަށް ބޭސް ފަރުވާއަށް ދާއިރު، ވިސާ ފޯމު ހުށަހެޅުމަށް އިންޑިއަން ހައި ކޮމިޝަން ކައިރީގައި ގިނަ ބަޔަކު ކިޔުގައި ތިބެން ޖެހޭ ކަމުގެ ޝަކުވާއަކީ ކުރަމުން އަންނަ ޝަކުވާއެކެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްވަރު ވެސް އިންޑިއާއިން ވިސާ ހޯދުމަށް ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދީފައިވާ ކަމަށެވެ. ނަމަވެސް މެޑިކަލް ވިސާ ހޯދުމުގައި ދިވެހިން ތަކުލީފުތަކެއް އުފުލަމުން އަންނަ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ވިސާގެ މައްސަލައިގެ މަޝްވަރާތައް އިންޑިއާ ސަރުކާރާއެކު ކުރިއަށް ދާ ކަމަށާއި ވަަރަށް އަވަހަށް އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މީގެ ކުރިން ވެސް ވިސާ ހޯދާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އޮންލައިންކޮށް ވިސާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު، އެޕޮއިންޓްމަންޓް ބުކް ކުރެވޭ ގޮތަށް ހަމަޖައްސައިފައިވެއެވެ.
ކޮވިޑް19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަަމަވެސް އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލިއެވެ.