twitterviber whatsapp telegramfacebookyoutube instagram
16th April 2024

ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ކުޅުދުއްފުށިން އިތުރު 10 މީހުން ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Oct 10, 2021
1

ހުމާއި ރޯގާގެ އަލާމާތްތައް ހުރެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ފުލޫ އޯޕީޑީއަށް ދެއްކި ފަރާތެއް ޕޮޒިޓިވްވުމާއި ގުޅިގެން ނެގި 10 ސާމްޕަލެއް ޕޮޒިޓިވްވެއްޖެ އެވެ. ހުމާއި ރޯގާގެ އަލާމާތް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޭއާރުއެޗްގެ އޮފިސަލަކު ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުއްޓާއި މާލެއާއި ދޭތެރޭ ދަތުރުކުރާ ބަހާދަރު ބޯޓުން ދަތުރުކުރި ޕަސެންޖަރެއްކަމަށާއި އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓްރޭސިންގެ ގޮތުގައި ފާހަގަވި 35 މީހުންގެ ތެރެއިން 10 މީހުން ކަމަށެވެ.

މި ކޭސްއާއި ގުޅިގެން ޕޮޒިޓިވްވެފައިވަނީ 5 ބިދޭސީންނާއި 5 ދިވެހިންނެވެ. އޭގެ ތެރެއިން 6 މީހުންނަކީ ޕަސެންޖަރުންގެ ގޮތުގައި އެ ދަތުރުގައި ބޯޓުން އައި މީހުންނެވެ.

އެ ކޭސްއާއި ގުޅިގެން މިހާތަނަށް 15 ގެއެއް ކަރަންޓީންކޮށްފައިވާއިރު ކުޅުދުއްފުށީގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 13 މީހުން އެބަތިއްބެވެ.

ކޮވިޑުން ރައްކާތެރިވުމަށްދޭ ވެކްސިން މިހާތަނަށް ކުޅުދުއްފުށީ އާބާދީގެ 91 އިންސައްތަ މީހުން ފުރިހަމަކޮށްފައިވާކަމަށް އެ އޮފިސަލް ވިދާޅުވި އެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް އަދި ޓްރޭސިންގެ މަސައްކަތް ދަނީ ކުރިޔަށްދާކަމަށާއި މާސްއެޅުމާއި އެކު އެންމެހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކޭއާރުއެޗުން އިލްތިމާސްކުރެއެވެ

އޮފިސަލް އިތުރަށް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް މި ވަގުތު އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ މާސްއަޅާ ވެކްސިން ފުރިހަމަ ކުރުން ކަމަށާއި ކަނޑުމަގުން ދަތުރުކުރި ނަމަވެސް ރަށްތަކަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޕީސީއާރު ނެގެޓިވް ނަތީޖާއާއި އެކު ދަތުރުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ބޯޓު ތަކުން ޕީސީއާރު އޮތްތޯ ޔަގީން ކުރުން މުހިންމު ކަމަށެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށްވެސް ވަނީއެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355