twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހަކަތައިގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ނަބީލާ އިސްމާޢީލް
Oct 11, 2021

ރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މިދިޔަ މަހުގެ 21 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ހަކަތައިގެ ގާނޫނަކީ ރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނެކެވެ.

މި ގާނޫނުގައި ހަކަތައިގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި، އާންމު ބޭނުންތަކެއްގެ ހިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހިފަހައްޓައި، ހިދުމަތް ހޯދާ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު މި ގާނޫނަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، ރާއްޖޭގެ ހަކަތައިގެ ދާއިރާއަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭ، ތިމާވެއްޓާ ރައްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަރުދާސްތު ކުރަނިވި، ޖައްވު ހޫނުކުރާ ގޭހުގެ ހިއްސާ ކުޑަ، އަދި ހަރަދުކުޑަ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ހަކަތައިގެ ހިދުމަތް ހޯދާ ފަރާތްތަކާއި، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ.

އަދި ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުން ވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރާއްޖެ ކާބަން ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ޓަކައި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދު ތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން ހިމެނެއެވެ.

ހަކަތައިގެ ވަސީލަތްތަކާއި ހިދުމަތްތަކަށް ގަސްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ހަކަތައިގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތައް ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން ވެސް މި ގާނޫގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ ހަކަތައިގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 96/4 (އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނު) އުވޭނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 12 މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ޝާއިއު ކުރަންވާނެކަމުގައި ވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355