އދ. އޮމަދޫ ކައުންސިލުގެ ތާރީހުގައިވެސް ރައީސަކާ ފުރަތަމަ ފަހަރަށް ބައްދަލުކުރެވިއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި އޮމަދޫ ކައުންސިލާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވި ރައީސަކަށް ވެވަޑައިގެންފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން ވެސް ވަނީ މިއަދަކީ އެ ކައުންސިލްގެ ތާރީހުގައި ރައީސަކާ ބައްދަލުކުރުމަށް ލިބުނު ފުރަތަމަ ފުރުސަތު ލިބުނު ދުވަސް ކަން ފާހަގަކުރައްވާ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އޮމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާއި ހިއްސާކުރައްވައި އެކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ ރަށުގެ ބަނދަރު ހަލާކުވުމާއި ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކެވެ. ހަމައެއާއެކު ރަށުގެ ބޮޑުބައެއް ގިރަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ނަރުދަމާ މަސައްކަތް ނިމުނުތާ އަހަރެއްވެފައިވާއިރު ވެސް ނަރުދަމާގެ ޚިދުމަތް ނުފެށި ލަސްވެފައިވާ މައްސަލައާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތަކާއި، ސްކޫލްގެ ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާއި ޞިއްޚީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންތައްތައް އިސްކަންދޭ ތަރުތީބަކުން ފުރިހަމަކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އޮމަދޫގައި އާ ޞިއްޙީ މަރުކަޒެއް ޢިމާރާތްކުރުމުގެ މަސައްކަތް ބަޖެޓުކުރެވިފައިވާކަމަށާއި، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރަށުގެ ނަރުދަމާ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފައެވެ.