ރާއްޖެއަށް އިމްޕޯޓްކުރާ ތަރުކާރީއާ މޭވާގެ ތެރެއިން ރާއްޖޭގައި ހެއްދޭނެ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ތ. ކަނޑޫދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު އެކަމަށް މުހިއްމުކަމެއް ދޭންޖެހިފައިވާ ކަމަށެވެ. ކޮވިޑުގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައުމުން، ބޭރުގެ ގައުމުތަކަށް ބަރޯސާވެފައިވާ ގައުމަކަށް ރާއްޖެ ވުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އެ ތަޖުރިބާގެ އަލީގައި ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިިދާޅުވީ ސިންގަޕޫރަށް އެތެރެކުރާ މޭވާ އާއި ތަރުކާރީގެ 30 ޕަސެންޓް އެ ގައުމުން އުފައްދަން ނިންމާފައިވާ ކަމަށެވެ. އަދި ސިންގަޕޫރަކީ ވެސް ރާއްޖެ ފަދަ ބިން ކުޑަ ގައުމަކަށްވާއިރު ރިސާޗާ ޕްލޭނާއެކު މަސައްކަތް ކުރެވިއްޖަނަމަ ރާއްޖޭގައި ވެސް ބައެއް ބާވަތްތަކުގެ ތަރުކާރީއާ މޭވާ ހެއްދިދާނެ ކަމަށެވެ.
ދަނޑުވެރިން ފުޅާދާއިރާއެއްގައި މަސައްކަތްކުރަން ބަލާއިރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ފަސޭހައިން ދިގު މުއްދަތަކަށް ރަށްރަށުން ބިން ނުލިބުމެވެ. ދަނޑުވެރިކަން ފުޅާވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ވުމުން ކައުންސިލްތަކާ ވާހަކަދައްކައިގެން ދަނޑުވެރިންނަށް އެއަށްވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ބިން ކުޑަ ގައުމަކަށް ވިޔަސް ދިރާސާއަކާއެކު މަސައްކަތްކޮށްފިނަމަ ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދޭނެ ބާވަތްތައް އެބަހުރި ކަމަށެވެ.
އެގޮތުން އުފެއްދޭނެ 17 ބާވަތެއް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ޕްލޭނަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގައި މިގޮތަށް އުފައްދާ މި ސަތާރަ ބާވަތް ރާއްޖޭގައި ބޭނުންވާވަރަށް އުފެއްދޭނެ ޕްލޭނަކާ އެކީގައި އެ މަޝްރޫއު ކުރިއަށް ގެންދިއުން. ހަމަ އެއާއެކީގައި ރާއްޖެއަށް މިފަދަ ބާވަތްތައް އެތެރެކުރާ މިންވަރު މަދުކޮށް އަދި އެފަދަ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް މި އުފައްދާ ތަކެއްޗަށް ރާއްޖެއިން މާކެޓް ހޯދައިދިނުމަށް މަސައްކަތްކުރުން." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގައި ދަނޑުވެރިކަން ހިއްސާކުރަނީ ޖީޑީޕީގެ އެންމެ 1.7 ޕަސެންޓް ކަމަށާއި ނަމަވެސް ދަނޑުވެރިކަން މިއަށްވުރެ ބޮޑަށް ފުޅާކުރުން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރެވިދާނެ ވެސް ކަމަށާއި މިހާރުވެސް ދަނޑުވެރިން ހައްދާ ބާވަތްތަކަށް ރިސޯޓްތަކުން ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ.
ރިސޯޓްތަކުން ބޭނުންވަނީ މެދުކެނޑުމެއް ނެތި ދަނޑުވެރިން ހައްދާ ބާވަތްތައް ލިބޭނެކަމުގެ ޔަގީންކަން ކަމަށާއި ހަމަ އެފަދައިން އެ ބާވަތްތައް ވިއްކައި ހަމަ އަގު ލިބޭނެ ކަމުގެ ޔަގީންކަން ދަނޑުވެރިންނަށް ބޭނުންވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ވަކި އިންތިޒާމްތަކެއް ހަމަޖައްސައިދެމުންދާ ކަމަށެވެ.
ދަނޑުތަކުގައި ކެމިކަލް އަޅާފައި ހުންނަ ގަސްކާނާ ބޭނުންކުރުމަކީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށާއި ޔަގީންކޮށް ބުނަން ނޭނގުނަސް ބައެއް ބާވަތްތަކުގެ ސަބަބުން ބަލި ފެތުރެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އޯގަނިކް ފާމިންނަށް އިސްކަންދިނުމަށް ރައީސް ވިދާޅުވި އެވެ.
ދަނޑުވެރިކަން ފުޅާކުރުމަކީ ލާމަރުކަޒީ ކުރާއިރު ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިގުތިސޯދު ފުޅާކުރަން ކުރެވިދާނެ ކަމެއް ކަމަށާއި ވަޒީފާ އުފެދި، ނަފާ އިތުރުވެގެންދާނެތީ އެކަމަށް އެގްރިކަލްޗާ މިނިސްޓްރީން އިތުރަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.