ކުޅުދުއްފުށީ ސިޓީގައި އަންނަ އަހަރު 1400 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި ހައުސިން ޔުނިޓް އެޅުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތަކާ ގުޅިގެން ކުޅުދުއްފުށީގައި އިތުރު 1،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށަން މަސައްކަތް މަޝްވަރާކޮށް، އެކަން ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެއްކެވި ވާހަކާގައި ވަނީ ކުޅުދުއްފުށީ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ.
މޭޔަރު އާތިފް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ބަޖެޓުގައި ހިމަނައިގެން، ސީދާ ބަޖެޓުން ހަރަދުކޮށްގެން، 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު، އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގަން ނިންމަވާފައިވާ ކަމަށެވެ.
"ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެއަހަރުތެރޭގައި ބަޖެޓުގައި ހިމަނައިގެން ސީދާ ބަޖެޓުން ހަރަދުކޮށްގެން 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއިގެން އެކި ސަރަހައްދު ތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ތަކެއް އެބަހިންގަން. އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު ބަޖެޓުން އެކަނި ސީދާ ބަޖެޓުން މި ރަށުގައި 400 ހައުސިން ޔުނިޓް މިހާރުވާނީ ރިޒާވްކޮށްފަ. އަދި އޭގެ އިތުރުން ބޭރުގެ ފަރާތަކާއި މަޝްވަރާކުރެވި މި ރަށުގައި 1000 ހައުސިން ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތް މަޝްވަރާކުރެވި ނިމުމަކާ ހިސާބަށް އައިސްފައޮތް ވާހަކަވެސް ތިޔަ ބޭފުޅުންނަށް ދަންނަވާލާނަން.ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިންގ އެއްގެ މަސައްކަތް އަލުން މިސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށްގެންދަމުންނެވެ. މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިންގެ އެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމަވާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައިވެއެވެ.