ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަގާމުތަކަށް މީހުން ތަމްރީނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ ރޭ ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް" ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބް ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑު ނަފާއެއްލިބޭ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށާއި، އެހެން ނަމަވެސް މިދާއިރާގެ މަތީ ފަންތީގައި ދިވެހިން ތިބީ ނިސްބަތުން މަދުންކަމުގައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަގާމުތަކަށް މީހުން ތަމްރީނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކަށް އެމަނިކުފާނު ގޮވާލައްވާފައިވެ އެވެ.
ވިލާ ކޮލެޖުގެ ކިޔު.އައި ކެމްޕަސްގައި ކުރިއަށްދިޔަ މި ޙަފުލާގައި ނައިބު ވަނީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތަޢުލީމީ، ހުނަރުވެރި ފަންނީ ދަރިން އުފެއްދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް މިހާ ބޮޑު ސަމާލުކަމެއް ދެނީ ޤައުމެއް ބިނާވެ ކުރިއަރައިދަނީ ތަޢުލީމީ ޤާބިލު އުފެއްދުންތެރި ޖީލެއް އުފެދިގެންކަންކަމަށް ވާތީ ކަމަށެވެ.
ނައިބު ވަނީ މި ސަރުކާރުން ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއްނެތްކަން ފާހަގަކުރައްވާފައެވެ.
މި ހަފުލާގައި ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދުދީދީ އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ އިތުރުން ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.