twitterviber whatsapp telegramfacebookyoutube instagram
5th May 2024

އަންނަ އަހަރުގެ ބަޖެޓް ހުށައެޅުމަށް މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހު

ޚަދީޖާ އާދަމް
Oct 27, 2021

އަންނަ އަހަރަށް ދައުލަތު ކަނޑައަޅާފައިވާ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށްޓަކައި މި މަހު 31 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ އާދިއްތަ ދުވަހު ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

އެގޮތުން އީވާ ވިދާޅުވީ އެ ދުވަހުގެ ޖަލްސާގައި އޮންނާނީ ފިނޭންސް މިނިސްޓަރު ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓަށް ހުށަހެޅުމަށެވެ. މި އަހަރަށް ސަރުކާރުން ކަނޑައެޅީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތަށް އަންނަ އަހަރު 23.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 14.7 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.3 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 2.2 ބިލިއަން ރުފިޔާ އާއި އާމްދަނީ ހޯދުމަށް އަލަށް ތައާރަފްކުރާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ 1.3 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. އަންނަ އަހަރުގެ ދައުލަތުގެ ދަރަނި 10.2 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ދައުލަތުގެ ބަޖެޓު ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355