ކޮވިޑް-19 އާއި ގުޅިގެން އަހަރެމެންގެ ދިރިއުޅުން ބަދަލުވީ ދާދި އަވަހަށެވެ. ގޮތަކަށް ބުނާނަމަ މި ވަބާގެ ސަބަބުން މުޅި ދުނިޔެ އެކޮޅު ކޮޅުން ޖެހިގެން ދިޔައެވެ. އެތަށް ޒަމާންތަކެއް ވަންދެން އަހަރެމެންގެ ތެރޭގައި އޮތް އެތައް އާދައެއް ވަގުތުން ދޫކޮށްލަން ޖެހުނެވެ. ކޮވިޑްގެ ނަން އިވުމާ، މި ކުޑަކުޑަ ރާއްޖެއަށް ވައިރަސް ފޯރުމާ ދޭތެރޭގައި ހޭދަވީ ގާތްގަނޑަށް 4 ވަރަކަށް މަސްދުވަހެވެ.
ކޮވިޑު ފެތުރިގެން އައި ދުވަސްވަރަކީ އަހަރެމެންނަށް އެތަށް ބިރުވެރި ވާހަކަތަކެއް އިވުނު ދުވަސްވަރަކަށެވެ. ބައްޔަށް ވެކްސިނެއް ހޯދުމަށް އަހަރެއްހާ ދުވަސް ނަގާނެ ވާހަކައެވެ. ބައްޔަށް ހައި ރިސްކު ބަޔަކު އުޅޭ ވާހަކައެވެ. ބަލީގައި މިލިއަނުން މީހުން މަރުވާނެ ވާހަކައާއި ބަލިޖެހި ރަނގަޅުވާ މީހުން އިތުރު ނުރައްކާތަކަށް ހުށައެޅޭ ވާހަކަ އެވެ. މި ރާއްޖޭންވެސް ކޮވިޑްގައި ދެހާހެއްހާ މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރިއެވެ.
ބައްޔާއެކު އަހަރެމެންގެ މިނިވަން ޖައްވު ގޭގެ ހަތަރު ފާރުތެރެއަށް ވައްދަން ޖެހުނެވެ. ވަކި ގަޑިތަކެއްގަ ބޭރަށް ނުކުމެ އުޅުން މަނާވިއެވެ. އަހަރެމެން ހެދުން އެޅުމުގެ އެއްބައިގެ ގޮތުގައި ނޭފަތާ އަނގަފޮރުވަން މާސްކް އަޅަން ޖެހުނެވެ. އެއްވެ އުޅުމާއި ފިނި ބުރުތައް މުޅިހެން ހުއްޓުނެވެ. ބޯޑަރު ބަންދުކޮށް ބޭރުގެ ދަތުރުފަތުރުތާއި ރާއްޖޭގެ އެތެރޭގެ ދަތުރުތައްވެސް އެއްކޮށްހެން ހުއްޓުނެވެ. އާއިލާގައި ތިބި ހައި ރިސްކު މީހުންނަށްޓަކައި އެތައް ކަމެއް ގުރުބާން ކުރިއެވެ.
ވެކްސިން ދޭން ތައްޔާރުވަމުން ދަނިކޮށް ދެން އިވެން ފެށީ ކޮވިޑްގެ އާ ވޭރިއެންޓްތަކެއް ފެންނަ ފެށި ވާހަކައެވެ. އެ ވޭރިއެންޓްތައް ދެމުންދާ ވެކްސިންތަކަށް ނުގުނޑާ ވާހަކައެވެ. ބީބީސީން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެކި ގައުމުތަކުގައި މިހާރުވެސް އެތައްހާސް ކޮވިޑް ވޭރިއަންޓްތައް ފެތުރެމުންދާ ކަމަށެވެ. ނަމަވެސް ފަހުން ފެނުނު ވޭރިއަންޓްތަކުގެ ތެރެއިން އެންމެ ބޮޑަށް ފެތުރޭ 4 ވޭރިއަންޓެއް ފާހަގަކޮށްފައި ވެއެވެ.
އެގޮތުން އެންމެ ފުރަތަމަ ފާހަގަވީ އިންޑިޔާއިން ފެނުނު ވޭރިއަންޓެވެ. އޭގެފަހުން އިނގިރޭސިވިލާތުންނާއި ބްރެޒިލް އަދި ސައުތް އެފްރިކާއިންވެސް ތަފާތު ވޭރިއަންޓެއް ފެނިފައިވެއެވެ. އެންމެ ފަހުން ސައުތު އެފްރިކާއިން ފެނުނު ކަމަށް ބުނާ އޮމިކްރޯން ވޭރިއެންޓަކީ މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި އެއް ވޭރިއަންޓުކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ކަނޑާއަޅާފައެވެ. މި ވޭރިއަންޓަށް އިލްމީ ގޮތުން ދީފައިވާ ނަމަކީ B.1.1.529 ސާސް ކޯވް2 އެވެ.
އިންޑިޔާއިން ފެނުނު ވޭރިއަންޓް B.1.617.2 އަށް އެޗްޕީއޯއިން ދީފައިވާ ނަމަކީ ޑެލްޓާ ވޭރިއަންޓެވެ. ޔޫކޭ ފެނުނު B.1.1.7 ވޭރިއަންޓަށް އެޗްޕީއޭ ދިނީ އަލްފާގެ ނަމެވެ. އަދި ސައުތް އެފްރިކާގެ ވޭރިއަންޓް B.1.351 އަށް ދީފައިވާ ނަމަކީ ބޭޓާ އެވެ. ބްރެޒިލްގެ P.1 ވޭރިއަންޓްގެ ނަމަކީ ގަމާ އެވެ. މި ވޭރިއަންޓްތައް އަދިވެސް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންނެވެ.
އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން ރާއްޖޭންވެސް 7 ގައުމަކުން ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ކަމަށް އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ވަނީ ބުނެފައެވެ.
މި ވޭރިއަންޓް ގެ ކޭސްތައް މިހާތަނަށް ޔޫރަޕްގެ އަށް ގައުމަކުންގެ ފެނިފައިވާއިރު އިގްތިސާދީ ހަރަކާތްތައް ހުއްޓިދާނެ ނުވަތަ މަދުވެދާނެކަމަށް ލަފާކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ދަށަށް ދިޔައެވެ. މީގެއިތުރުން ދުނިޔޭގެ ބޮޑެތި ހިއްސާގެ ބާޒާރުތަކުގައި ކުންފުނިތަކުގެ ހިއްސާތަކުގެ އަގުވެސްވަނީ ދަށްވެފައެވެ.
ބަލީގެ އާ ވޭރިއަންޓްތައް ފެންނަމުން ދިޔަނަމަވެސް ބައްޔަށް އާދަވަމުން ދިޔަ ވަރަކަށް ބަލީގެ ބިރުވެރިކަން ރައްޔިތުންގެ ހިތުން ދިޔައީފިލަމުންނެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯނުލެބުމުގެ ނަތީޖާއަކަށް ބަލި ކޮންޓްރޯލުން ނެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލުނެވެ. ހިތާމައަކީ ބައެއް ހާލަތްތަކުގައި ރައްޔިތުންގެ އިހުމާލާއެކު ގައުމު ހިންގަން ތިބި ބޮޑެތި މުވައްސަސާތަކުގެ އިހުމާލުވެސް މިކަމުގައި އޮތްކަމެވެ. ކޮވިޑަށް އަހަރެމެންގެ ދިރިއުޅުމުން ދެވިފައިވާ "ހާއްސަކަން" އެންމެ ބޮޑަށް ނެތިގެން ދިޔައީ ވެކްސިނާއެކު ލިބެމުންދިޔަ ބޮޑެތި ލުއިތަކުގެ ސަބަބުންނެވެ.
މިހާރު އިހު އޮތް ހާލަތަށް ގާތްގަނޑަކަށް މިވަނީ ވާސިލް ވެވިފައެވެ. ދަތުރުފަތުރުގެ މިނިވަންކަން ގިނަ ރަށްތަކަކަށް ލިބިއްޖެއެވެ. ފިނިބުރުތައް އަލުން ފެށި މާސްކު އެޅުމުގެ އާދަ ދޫވެއްޖެއެވެ. އެކަމަކު... އެކަމަކު ކޮވިޑް އަދި ނުހުއްޓެއެވެ. ހައި ރިސްކު މީހުން ރިސްކުވުން ނުހުއްޓެއެވެ. ބަލި ފެތުރުންވެސް ނުހުއްޓެއެވެ. ވެކްސިން ޖެހުމަކުން އަދި ކޮވިޑުން މުޅިން ސަލާމަތް ވީކީވެސް ނޫނެވެ. ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުން އަދިވެސް އެބަ ބުނެއެވެ. މާސްކުއަޅާ، ގައިދުރުކަން ބަހައްޓާށެވެ. ގިނަ މީހުން އެއްވެ ނޫޅޭށެވެ. ސައިބޯނި ލައިގެން ގިނައިން އަތްދޮންނާށެވެ. ސެނެޓައިޒާ ބޭނުން ކުރާށެވެ. ތިމާގެ ރައްކާތެރިކަމަށާއި އަނެއްކާގެ ރައްކާތެރިކަމަށް މި އުސޫލުތަކުގައި ހިފެހެއްޓުން ވަރަށް މުހިއްމެވެ.