twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ދިއްދޫގައި ޕާކެއް ގާއިމްކޮށްފި

މުޙައްމަދު އަހުމަދު
Oct 30, 2021
1

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކޮށްފި އެވެ. މި ކޮމިއުނިޓީ ޕާކު ތަރައްގީކޮށްފައިވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބް އިންނެވެ.

ބީއެމްއެލުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މި ޕްރޮޖެކްޓްގެ މަގްސަދަކީ ރަށުގެ ރައްޔިތުން ހުސްވަގުތުގައި އެއްވެ ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި މުޖްތަމައުގައި އޮންނަ ގުޅުމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ.

އެރަށުގެ ގޮނޑުދޮށާ ކައިރީގައި ގާއިމުކޮށްފައިވާ މިޕާކުގައި ރަށުގެ ރައްޔިތުންނަށް ބާބެކިއު ހެދުމާއި އެކަކު އަނެކަކާ ބައްދަލުކޮށް ވަގުތު ހޭދަކޮއްލަން ތިބުމަށް ވަސީލަތްތައް ބެހެއްޓިފައިވެ އެވެ. މީގެ އިތުރުން ފޮތްހަރުގަޑެއްވެސް މި ޕާކުގައި ބެހެއްޓިފައިވެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ނަޝްވާން އިބްރާހިމް ބުނީ ދިއްދޫ އަކީ އާބާދީގެ ގޮތުން އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީނަމަވެސް ހިތް ފަސޭހަ ކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން މިރަށުގައި ވަރަށް މަދުކަމަށެވެ. އެހެންވެ ރަށުގެ ރައްޔިތުންގެ ލާބައަށް އަޅުގަނޑުމެންގެ ކުލަބުން ނިންމީ ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕުރޮޕޯސަލް ހުށަހެޅުމަށް ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

އެގޮތުން މިތަނުގައި ބާރބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައި ޖޯލި އަދި އުނދޯލި އާއި ލައިބްރަރީ އެއްވަނީ ތަރައްގީ ކުރެވިފައިވާނެ ކަމަށާއި އުންމީދަކީ މިތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރި އަދި ހިތްގައިމު މާހައުލަކަށް ވެގެން ދިއުން ކަމަށް ނަޝްވާން ބުނެފައިވެ އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މި ގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50000 ރުފިޔާ ކަނޑައެޅެ އެވެ.

އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355