ދުނިޔޭގައި އެތައް ވައްތަރެއްގެ ސޫފާސޫފި އުޅެ އެވެ. އޭގެތެރޭގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ދިރޭ އެއްޗެހިވެސް އުޅެ އެވެ.
އެގޮތުން މިސާލަކަށް ބަލަންޏާމުން އެންމެ ބާރަށް އެއްގަމު ޖަނަވާރަކީ ޗީތާ އެވެ. ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ޗީތާގެ ވާހަކައެއް ނޫނެވެ. މިފަހަރު ދައްކާނީ ދުނިޔޭގެ އެންމެ ބޮޑު ފައިދިގު މަކުނުގެ ވާހަކަ އެވެ.
އެންމެ ބޮޑު ފައިދިގު މަކުނުގެ ލަގަބު ހޯދާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަހޯދީ ތެރަފޯސާ ބްލޮންޑި ނަމަކަށް ކިޔާ މަކުނެކެވެ. މިއީ ވަރަށް މަދުން އަޑުއިވޭ ބާވަތެއްގެ މަކުނެކެވެ. އެންމެ މަޝްހޫރު މަކުނަށް ބަލާނަމަ އެގޮޅިން ޖާގަހޯދާނީ ބްލެކް ވިޑޯއާއި ޓަރަންޓުލާ ކަހަލަ ފައިދިގު މަކުނުތަކެވެ.
އެހެންނަމަވެސް ކިރިޔާ ފޫޓަކަށް ނާރާ އެންމެ ބޮޑު ފައިދިގު މަކުނާމެދު އެނގެން ބޭނުންވާ މީހުންވެސް އުޅޭނެ އެވެ. ތެރަފޯސާ ބްލޮންޑި އަކީ 28 ސެންޓިމީޓަރު ބޮޑު މަކުނެކެވެ. މިއަށް ގޮލިއަތް ބާޑް އީޓާރއޭ ވެސް ކިޔާ އުޅެ އެވެ. އެހެންނަމަވެސް މީގެ ނަމާ ހިލާފަށް މިމަކުނަކީ އެހާ ވަރަށް ދޫނިތައް ޝިކާރަކުރާ އެއްޗެއް ނޫނެވެ. ނަމަވެސް ބައެއްފަހަރު ދޫނި ވެސް ޝިކާރަކޮށް އުޅެ އެވެ.
އެހެން މަކުނުތަކާ ހިލާފަށް ވިހާދުވަސްވަރު މީގެ އަންހެން މަކުނުތައް ފިރިހެން މަކުނުތައް ކައެއް ނަހަދަ އެވެ. އަންހެން މަކުނުތައް ބޮޑުވާން 3 އަހަރާއި 6 އަހަރުގެ މުއްދަތެއް ހޭދަވާއިރު މީގެ އެއްޗެހީގެ އުމުރަކީ އާންމު ގޮތެއްގައި 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތެކެވެ. ބޮޑުވުމަށް ފަހު ފިރިހެން މަކުނުތައް މާއަވަހަށް މަރުވެ އެވެ. އާންމުކޮށް ފިރިހެން މަކުނެއްގެ އުމުރަކީ 3 އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތެކެވެ.
މިމަކުނު އެންމެ ބޮޑު މަކުނުގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދީ 1965 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. މިވައްތަރުގެ އެންމެ ފުރަތަމަ ފެނުނީ ވެނެޒުއެލާ އިންނެވެ.
1965 އަހަރު ތެރަފޯސާ ބްލޮންޑި ޑިސްކަވާކުރި ފަހުން އަދި އެއަށްވުރެ ބޮޑު ފައިދިގު މަކުނެއް އިންސާނުންނަކަށް ހޯދިފައެއް ނުވެ އެވެ.