ޝާހުރުކް ޚާންގެ ހަމައެކަނި އަންހެން ދަރިފުޅުނު ސުހާނާ ޙާންއަކީ ސޯޝަލް މީޑީއާގައި އެކްޓިން ކުއްޖެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް ބޭބޭ އާރިޔަން ޚާން ޑްރަގް މައްސަލައެއްގައި ހައްޔަރުކުރުމާއެކު އޭނާ ވަނީ ސޯޝަލް މީޑީއާއާއި ވަރަށް ބޮޑަށް ދުރުވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ކަފާލާތުގެ ދަށުން އާރިޔަން މިނިވަންވުމާއެކު ސުހާނާ މިވަނީ ސޯޝަލް މީޑީއާގައި ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން އެތައް ދުވަހަކަށް ފަހު ފުރަތަމަ ކޮށްފައިވާ ޕޯސްޓެއްގައި ފެނިގެންދަނީ ޕާޓީއެއްގައި ރައްޓެހިންނާއެކު ހެލޮވީން ފާހަގަ ކުރާތަނެވެ.
އާރިޔަން ހައްޔަރުކުރި ފަހުން ސުހާނާ ހަމައެކަނި ޕޯސްޓްކޮށްފައިވަނީ ޝާހު އަދި ގޯރީގެ ކައިވެންޏަށް 30 އަހަރު ފުރުމުން މަރުހަބާ ކިއުމަށާއި އެންމެ ގާތް އެކުވެރިޔާ އަނަންނިޔާ ޕާންޑޭގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށެވެ. އިތުރަށް ކިޔެވުމަށް ސުހާނާ މިހާރު ދިރިއުޅެމުން އަންނަނީ ނިއުޔޯކްގަ އެވެ.