ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓާރ ފަރްހާން އަހްތަރު މިހާތަނަށް ގެނެސްދިން ފިލްމަކީވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ދެ ފިލްމެވެ.
ފަރްހާންގެ ފުރަތަމަ ޑައިރެކްޝަނަކީ 2001 ގައި ނެރުނު ދިލް ޗާތާހޭ އެވެ. އާމިރު ޚާން އާއި ސައިފް އަލީ ޚާން އަދި އަކްޝޭ ކަންނާ އެކުގައި ފެނުނު މި ފިލްމު ވަނީ އެ އަހަރުގެ އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ނަން ހިމަނާ ބެސްޓް ފިލްމު އަދި ބެސްޓް ޑައިރެކްޓަރގެ ކެޓަގަރީން ފިލްމު ފެއަރ އެވޯޑްގައި ވާދަކޮށްފައެވެ.
އެ ފިލްމަށް 10 އަހަރު ފުރުމާއި ގުޅިގެން އޭނާގެ ދެވަނަ ފިލްމެއްގެ ގޮތުގައި ގެނެސްދިނީ ޒިންދަކީ ނާ މިލޭގޭ ދުބާރާ އެވެ. މި ފިލްމަކީ ވެސް ދިލް ޗާތާހޭ ފަދައިން 3 ރައްޓެހިންގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ލިޔެ ޑައިރެކްޓް ކުރީ ފަރްހާން ކޮއްކޮ ޒޯޔާ ނަމަވެސް ވާހަކަގެ ޑައިލޮގްތައް ލިއުނީ ފަރްހާން އެވެ.
އަނެއްކާވެސް އޭގެ ދިހައަހަރު ފަހުން މިވަނީ ފަރްހާން އިތުރު ފިލްމެއް އިއުލާންކޮށްފައެވެ. ނަމަވެސް ކުރީގެ ދެ ފިލްމާއި ތަފާތުކޮށް މި ފަހަރު ފިލްމަކީ 3 އަންހެން އެކްޓަރުންނާއެކު ގެނެސްދޭ ފިލްމެކެވެ. "ޖީލޭ ޒަރާ"ގެ ނަމުގައި ގެނެސްދޭ މި ފިލްމުގައި ފެނިގެންދާނީ ޕްރިޔަންކާ ޗޯޕްރާ، ކެޓްރީނާ ކައިފް އަދި އާލިޔާ ބަޓްއެވެ.
މި ފިލްމު އިއުލާން ކުރުމާއެކު ބެލުން ތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުންކަމަށް ދާދި ފަހުން ފަރްހާން ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ. އޭނަ ބުނީ ލީޑްގައި ފިރިހެނަކު ނުލައި ހުސް އަންހެން ތަރިން ހިމަނައިގެން ފިލްމު އިއުލާން ކުރުމުން ބެލުންތެރިން ބަލައިގަންނާނެ ކަމާމެދު ސުވާލު އުފެދުންކަމަށެވެ. ނަމަވެސް ލިބުނު ބޮޑު ތަރުހީބާމެދު ވަރަށް ހިތްހަމަޖެހުންކަމަށެވެ.