twitterviber whatsapp telegramfacebookyoutube instagram
6th December 2021

އަޒްމާގެ އުފަންވި ހުނަރާއި ޖާދުވި މަސައްކަތްތައް

މުޙައްމަދު އަހުމަދު
Nov 5, 2021
1

2014 ވަނަ އަހަރު ސްކޫލް ނިންމާލުމަށްފަހު ކުޅުދުއްފުށީ، ހައްވާ އަޒްމާ ނާޒިމް (23އ) ނުވަތަ ރައްޓެހިންގެ ތެރޭގައި މަޝްހޫރު ނަމުންނަމަ އަޒޫ ފެށީ އަމިއްލަ ދަސްކޮށްގެން ހެދުން ފަހާށެވެ. އޭރު އޭނާގެ އަޒުމަކަށް ވެފައިވަނީ އަމިއްލަ ކައިވެނީގެ ހެދުމުން ފެހުމުން ފެށިގެން ގޮސް މޭކަޕްކުރުމާއި ހަމައަށް ހުރިހާ ކަމެއް ކުރާނީ އަމިއްލައަށް ކަމަށެވެ.

އަޒްމާ ބުނިގޮތުގައި އެއީ މިދާއިރާގެ ތެރެއަށް ވަދެވުނުގޮތެވެ. ކައިވެނީގެ ހެދުން ފަހާ މޭކަޕް ކުރިއިރު އަޒޫގެ ވިސްނުމުގައި މިދާއިރާއިން ކުރިއަށްދިއުމުގައި އެއްވެސް ވިސްނުމެއް ހިޔާލަށް ގެނެވިފައިވެސް ނުވެ އެވެ. ނަމަވެސް އަމިއްލަ ކައިވެންޏާއި ހަމައިން ހުރިހާ ކަމެއް ބަދަލުވެގެންދިޔަ އެވެ.

މިދާއިރާގައި އަޒޫ އެންމެ ފަހުރުވެރިވާ އެއްކަމަކީ އޭނާ އަމިއްލައަށް އަމިއްލަ ކައިވެނީގެ ހެދުން ފެހުމެވެ. އަބަދުވެސް އެކަނި އަމިއްލަ ވެޑިން ޑްރެސް ފަހަން ބޭނުންވިކަމަށް އޭނާ ބުންޏެވެ. އެއީ މިކަމުގެ ސްޓާޓިން ޕޮއިންޓްކަމަށް އަޒޫ ބުންޏެވެ، އެހިސާބުން އާދައިގެ ހެދުން ވެސް ފަހަން ފެށުނުކަމަށް އޭނާ ބުންޏެވެ.

ކޮންމެ އާޓިސްޓެއްގެ ވެސް ވާހަކަ އާންމުކޮށް ފެށެނީ އެކަމަކަށް ކުޑައިރުންސުރެ ހުންނަ ޝައުގަކުން ޅައިރުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ އަޒުމުގަ އެވެ. އެހެންނަމަވެސް މިއީ އެހެން އާޓިސްޓުންނާއި އަޒޫ ތަފާތުކޮށްދޭ ސިފަ އެވެ. އެންމެ ކުޑައިރު މިކަމަށް ޝައުގުވެރިކަމެއް ނުހުންނަ ކަމަށް އަޒޫ ބުންޏެވެ.

އަޒޫ ބުނިގޮތުގައި އެންމެ ފުރަތަމަ މޭކަޕްގެ ތެރެއަށް ވަދެ މިކަމަށް ހިތްޖެހުނީ ޔޫޓިއުބް ވީޑިއޯ ބަލައިގެންނެވެ. އެހިސާބުން ފެމެލީ ކުދިން މޭކަޕްކޮށްދޭން ފެށި ކަމަށް އޭނާ ބުންޏެވެ.

"
"ފުރަތަމަ ހަމަ ޔޫޓިއުބް ބަލައިގެން މޭކަޕް ކުރަން. ގޭ ކުދިން، ދައްތަމެންގެ މޭކަޕް އެންމެ ފުރަތަމަ ކުރީ ވެޑިންއަށް، ކޮށްލާފަ އެހެން މީހުންގެ އެއްޗެހި ލިބެން ފެށީމާ ދެން ހަމަ ކުރާހިތުން ކުރަން ފެށީ"
ހައްވާ އަޒްމާ (އަޒޫ)

ބޮޑުވިފަހުން މިކަމުގެ ތެރެއަށް ހިތްޖެހިގެން އައި 23 އަހަރުގެ އަޒޫ އަކީ މިދާއިރާގައި ފާހަގަކޮށްލެވޭ ހުނަރެކެވެ. އަމިއްލައަށްކުރި މަސައްކަތުން މިހުނަރު އިތުރަށް ފުރިހަމަކުރުމަށް އަޒޫގެ އިންޓްރެސްޓް ހުރިއިރު އަޒޫގެ މަސައްކަތްތަކަކީ ވެސް ފާހަގަކޮށްލެވޭ ފަދަ ރީތި މަސައްކަތްތަކެކެވެ.

އަޒޫ ބުނީ މޭކަޕާއި ވެޑިން ޑްރެސްއަށް ވެސް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށާއި މަސައްކަތް ވެސް ލިބޭ ކަމަށެވެ. އަދި ކުރާ މަސައްކަތާއި އަޅާބަލާއިރު ރަނގަޅު އާމްދަނީއެއް ވެސް މިމަސައްކަތުން ލިބޭކަން އަޒޫ ފާހަގަކުރި އެވެ.

މިމަސައްކަތަކީ އަސްލު ހަމަކުރަން ވަރަށް ރަނގަޅު މަސައްކަތެއްކަން ފާހަގަކުރަމުން އަޒޫ ބުނީ މިކަމަށް ރަނގަޅު ޑިމާންޑެއް އޮންނަ ކަމަށާއި ކުރަން އުޅެފިނަމަ މިކަން ކޮންމެ މީހަކަށްވެސް ވާނެ ކަމަށެވެ.

އަޒޫ މިހުނަރު އިތުރަށް ފައްކާކޮށް މިމަސައްކަތްކުރަނީ އެކަނިކަން އޭނާ ފާހަގަކުރި އެވެ. އެހެންނަމަވެސް ރަށުން ބޭރު އޯޑަރުތަކަށް ރަށުން ބޭރަށްދާއިރު މީހުން ގެންދާކަމަށް އޭނާ ބުންޏެވެ. އަދި އަޒޫ މިމަސައްކަތްކުރަނީވެސް ޖޮބެއްގައި އުޅެމުން ޕާޓްޓައިމް މަސައްކަތެއްގެ ގޮތުގަ އެވެ. މިއީ ހަމަ ހޮބީއެއްގެ ގޮތުގައި ވަރަށް ކުރާހިތުން ކުރާ ކަމެއްކަމަށް އަޒޫ ބުންޏެވެ.

"
"ދެން އެކީ އުޅޭ ކުދިންނަށް ބުނެދެން ހަމަ މިހެން މިހެންނޭ، މިހެންނޭ ކުރާނީ. ދެން ފަހާއިރު ވެސް ހަމައެގޮތަށް ހެލްޕްވަން."
އަޒޫ

އަޒޫއަށް މޭކަޕްކުރުމާއި ހެދުން ފެހުމުގެ ދާއިރާއަށް ވަދެވުނުތާ ގާތްގަނޑަކަށް މިހާރު 8 ވަރަކަށް އަހަރުވެފައިވާއިރު މިކަން އޭނާ ފެށި އަމިއްލަ މަސައްކަތާއި އަމިއްލަ ހުނަރުގެ މައްޗަށް ބަރޯސާވެގެންނެވެ. އެހެންކަމުގައިވީ ނަމަވެސް މިކަން ފެށުމަށްފަހު މިކަމުގައި ވަރަށް ގިނަ ބައެއްގެ އެހީއާއި ސަޕޯޓު ލިބޭކަމަށް އަޒޫ ބުނެ އެވެ. އެގޮތުން ރައްޓެހިންނާ ފެމެލީގެ ސަޕޯޓު ވަރަށް ބޮޑަށް ފާހަގަކުރި އެވެ.

އެހެންނަމަވެސް އަޒޫ ބުނިގޮތުގައި ކައިވެންޏަށް ފަހު ފިރިމީހާގެ މަންމަގެ ފަރާތުން ވަރަށް ހެލްޕާއި ސަޕޯޓު ލިބޭކަމަށެވެ. އަދި އަޒޫ ވަނީ މިކަމުގައި ކުރިއަށްދާން ގާތް ރައްޓެހިންނާއި ފެމެލީ ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ހާއްސަކޮށް ފިރިމީހާގެ އެހީތެރިކަމާއި ސަޕޯޓަށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އޭނާ ބުނީ އެންމެ ބޮޑު މޯޓިވޭޝަނަކާއި ހިތްވަރެއް ލިބެނީ ފިރިމީހާގެ ފަރާތުން ކަމަށެވެ.

"
"ބައެއް ފަހަރު އެހެން މަޑު ޖައްސާލުމުން (ހަސްބޭންޑް) ބުނާނެ އަޒްމާއޭ ދޫނުކުރާށޭ ތިހެން، ކުރާށޭ އޭރަށޭ ވާނީ ދެން އެއްބައިފަހަރަށް އެހެން ޖޮބްގައި އުޅޭތީ ދޫކޮށްލެވޭ ފަހަރުވެސް އާދޭ."
އަޒޫ

މޭކަޕްކުރުމަކީ ގިނަ ބަޔަކު ބަލައިގަނެފައިވާ މަސައްކަތަކަށް މިހާރުވެފައިވާއިރު އަޒްމާ ބުނީ މިދާއިރާ އަކީ ހަމަ ކުރިއަށްދާން ބަލަފިއްޔާ ރަނގަޅު ދާއިރާއެއްކަމަށާއި މިކަމުން ރަނގަޅު އާމްދަނީއެއްވެސް ލިބޭކަމަށެވެ. މޭކްޕާއި ވެޑިން ޑްރެސް ފެހުމަށް ރަށުން ނޫނަސް އަޒްމާއަށް އަންނަނީ ރަނގަޅު ފުރުސަތުތަކެއް ލިބެމުންނެވެ.

މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އަޒޫ ދޭން ބޭނުންވާ މެސެޖަކީ މިއީ ހަމަކުރަން ރަނގަޅު ކަމެއްކަމަށާއި ހަމަ ބޮޑު ޑިމާންޑެއްވެސް އޮންނަ ކަމަށެވެ. ހަމަވީހާވެސް ބޮޑަކަށް މިކަމުގެ ތެރޭގައި އުޅުމަށް އަޒްމާ ނަސޭހަތްތެރިވި އެވެ.

"ފުރަތަމަ ފަށައިގަންނައިރުގައި އަދި ކުރިއަށް ނުދެވުނަސް ވެސް މިކަމައިގެން ހަމަ ކުރިއަށް ދާށޭ، ފަހުން ވިއަސް ހަމަ ރަނގަޅު ގޮތެއް އަންނާނޭ." އަޒޫ ބުންޏެވެ.

އަޒްމާގެ، އަޒުމަކީ މިހުނަރު އިތުރަށް ފައްކާކޮށް މޭކަޕާއި ފެހުމުގެ ދުނިޔެއަށް ވަދެ މިފެށި ހަޔާތުގެ ބޮޑު ދަތުރުގައި އިތުރު ހަރުފަތަކަށް ވާސިލުވުން ކަން އޭނާގެ ހިތްވަރާ ނުގުޑާފަދަ އަޒުމާއި ވާހަކަތަކުން ދޭހަވެ އެވެ. އަޒްމާއަކީ މިހުނަރުގައި ފައްކާވެ ދާއިރާގެ އެންމެ އުހަށް އެރުމުގެ އަޒުމުގައި ހުރި މަސައްކަތްތެރި ކެރޭ ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355